ހަތަރު މަހުގެ ތުއްތު ކުއްޖާ
ހަތަރު މަހުގެ ތުއްތު ކުއްޖާ
2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެމެރިކާގެ ޓެނެސީގެ ކްލާކްސްވިލްއަށް އެރި ބާރުގަދަ ނަގޫރޯޅީގެ ތެރެއިން، ހަތަރު މަހުގެ ތުއްތު ކުއްޖަކު މުއުޖިޒާތެއް ފަދަ ގޮތަކަށް ސަލާމަތްވި ޚަބަރުން ގިނަ ބަޔަކު ހައިރާންކޮށްލައިފިއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގީ އެ އާއިލާ ދިރިއުޅެމުންދިޔަ މޯބައިލް ހޯމްގެ ފުރާޅު ނަގޫރޯޅީގައި ހަލާކުވެ، އެ ތުއްތު ކުއްޖާ ނިދާފައި އޮތް ބެސިނެޓާއެކު ވައިގެ ތެރެއަށް އުދުއްސައިގެން ދިޔުމުންނެވެ. ކުއްޖާ ސަލާމަތްކުރުމަށް ބައްޕަ ކުރި މަސައްކަތް ނާކާމިޔާބުވެ، ބާރުގަދަ ވައިގެ އޮއިވަރުގެ ތެރެއަށް ބައްޕަވެސް ދަމައިގަނެ، ދުރުގައި އޮތް ޖަންގަލީގެ ތެރެއަށް ހޫރުވާލިއެވެ.

ތޫފާން މައިތިރިވެ، ބޯކޮށް ވާރޭވެހެމުން ދިޔަ ވަގުތު އާއިލާއިން އެ ކުއްޖާ ހޯދުމަށް ކުރި މަސައްކަތުން، ގާތްގަނޑަކަށް ދިހަ މިނެޓު ފަހުން ފެނުނީ އެންމެން އުންމީދު ކަނޑާލާފައި ވަނިކޮށް އުންމީދުވެސް ނުކުރާ ފަދަ އަމާން ގޮތަކަށެވެ. "ލޯޑް" ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ ފެނުނީ ޖަންގަލީގެ ތެރޭގައި ހުރި ގަހެއްގެ ބުޑުގައި، އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން އޮއްވައެވެ. އޭނާ އޮތް ބެސިނެޓް އޮތީ އެ ގަހުގެ ގޮފިތަކުގެ ތެރޭގައި އޮޅިފައެވެ. އާއިލާއިން ސިފަކުރި ގޮތުގައި، އެ ކުއްޖާ ފެނުނުއިރު ހީވަނީ މީހަކު ގަސްދުގައި އެތަނުގައި ވަރަށް ލޯތްބާއެކު ބާއްވާފައި އޮތް ހެނެވެ.

މި ނުރައްކާތެރި ހާދިސާގައި އެ އާއިލާގެ މުޅި ގެ ސުންނާފަތިވެ، ހުރިހާ މުދަލެއް ގެއްލިގެން ދިޔަ ނަމަވެސް، އާއިލާގެ ހަތަރު މެންބަރުންގެ ފުރާނަ ވަނީ ސަލާމަތްވެފައެވެ. މި ހާދިސާގައި ކުއްޖާގެ ބައްޕަގެ ކަތުރުކަށިގަނޑު ބިންދައިގެން ދިޔައިރު، ތުއްތު ލޯޑްގެ މޫނުމަތީގައި އިނީ ވަރަށް ކުޑަ ޒަޚަމެކެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި، މިފަދަ ނުރައްކާތެރި ހާލަތަކުން އެމީހުން ސަލާމަތްވީ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމުންނެވެ. މި ހާދިސާއާއި ކުއްޖާއަށް ކިޔާފައިވާ ނަމާ ހުރި ގުޅުމުގެ ސަބަބުން، ގިނަ ބަޔަކު ދަނީ މިއީ ވަރަށް ޢިބްރަތްތެރި އަދި ތަފާތު ހާދިސާއެއްގެ ގޮތުގައި ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު