މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރެވެ. މި ގަރާރުގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވެލި މަޑުޖެހި، ފަތުރުވެރިން އަންނަ މިންވަރު ބޮޑުތަނުން ދަށްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުވާލަކު އެވަރެޖުކޮށް އަންނަ ފަތުރުވެރިންގެ އަދަދު 8،000 އިން 4،000 އާއި 5،000 އާ ދެމެދުގެ އަދަދަކަށް ވަނީ ދަށްވެފައެވެ. އަދި ދުވާލަކު ގާތްގަނޑަކަށް 2،000 ބުކިން ކެންސަލްވަމުންދާ ކަމަށާއި، މީގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު 21 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ހާލަތުގެ ސަބަބުން ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް މާލީ ދަތިތަކާ ކުރިމަތިވެ، މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖާއި ޖުމްލަ އާމްދަނީ ދަށްވަމުންދާތީ، އެކަމުން އަރައިގަތުމަށް ސަރުކާރުން އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ގަރާރުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ މުސާރަ ދިނުމަށް 'ވޯކިން ކެޕިޓަލް ލޯން' ނުވަތަ 'އިންކަމް ސަޕޯޓް އެލަވަންސް' ތައާރަފްކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނުގެ އަސްލު ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ބީއެމްއެލް މެދުވެރިކޮށް ލުއި ލޯނު ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާއި، ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް ކަރަންޓާއި ތެލުގެ ހަރަދުތަކަށް ލުއި ދިނުމަށް ޔުޓިލިޓީ ސަބްސިޑީ ދިނުމަށްވެސް ގަރާރުގައި ގޮވާލާފައިވެއެވެ. ހަމައެހެންމެ ރިސޯޓުތަކުގެ ކުއްޔާއި، އެއާޕޯޓު ޗާޖުތަކާއި، ލައިސެންސް ފީ ފަދަ ހަރަދުތައް ވަގުތީ ގޮތުން ކުޑަކޮށްދީ، ޓީޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ފަދަ ފައިސާ ދެއްކުން ވަކި މުއްދަތަކަށް ފަސްކޮށްދިނުމަށްވެސް މި ގަރާރުގައި ބާރުއަޅާފައިވެ އެވެ. ނަމަވެސް މަޖިލީހުން މިއަދު ނިންމީ މި ގަރާރުގެ ބަހުސް ކުރިއަށް ނުގެންގޮސް ބޭރުކޮށްލުމަށެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު ނެގި ވޯޓުގައި، ގަރާރު ބޭރުކޮށްލުމަށް 33 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 8 މެމްބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު