އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ފަސްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތާއީދު ނުކުރައްވާ ކަމަށާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނެ ކަމަށް އެ އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ބޭނުންވާ ފައިސާ ނެތުމުންނާއި މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ އިންތިހާބު ފަސްކުރަން ހުށައެޅުއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއެވެ.

މި ނިންމުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވަމުން، އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބު ލަސްކުރުމަކީ އޭނާގެ އިތުރުން ޕާޓީގެ އެއްވެސް އާންމު މެންބަރަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީން ކުރިން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.



މީކާއިލް އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި، އިންތިހާބުގެ ތާރީހަށް ބަދަލު ގެންނަން އުޅެނީ ވަކި ބަޔަކަށް ފައިދާވާނެ ގޮތަކަށެވެ. އެހެންކަމުން، އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ނިންމުމަށް އިހްތިރާމްކުރުމަށް ގޮވާލައްވަމުން އޭނާ ވިދާޅުވީ، އޭނާގެ ކެމްޕޭން ޓީމު އޮތީ އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު ވިދާޅުވީ މި ދަނޑިވަޅުގައި އިންތިހާބެއް ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތަށް ބުރޫއަރައި، ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.ޣަފޫރު ހުށައެޅުއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ބާއްވަން ޗެއާޕާސަން އިންތިޚާބު މިވަގުތަށް ފަސްކޮށްލުމަށެވެ.

އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަން ހުށަހެޅުއްވުމާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ މަޝްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައިގައި ޣަފޫރުގެ އިސްތިއުފާއަށް ޕާޓީގެ ބައެއް މެންބަރުން އަންނަނީ ގޮވަމުންނެވެ. މި އިންތިހާބުގައި މީކާއިލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު