ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ލަސްކަމެއް ނެތި ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ގީލާ އަލީ އާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް، ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހަކަށް ވީ އެންމެ އަވަހަކަށް ފަރުވާ ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހުރިހާ އުމުރުފުރާތަކަކަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގުމަށެވެ. އަދި މި ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނަފްސާނީ ބަލިތަކާ ގުޅުންހުރި ކުއްލި ހާދިސާތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.

މިފަދަ ހާދިސާތަކުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ބަލިމީހުންނަށް އެހީތެރިވުމުގައި ފުލުހުންގެ ދައުރު މިހާރަށްވުރެ ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ މުއައްސަސާގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.



ކިޔުންތެރިންގެ ހިޔާލު