މަޖިލީސް މެމްބަރު އަސްމާ ރަޝީދު-
މަޖިލީސް މެމްބަރު އަސްމާ ރަޝީދު-
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެމްބަރުންގެ ހިމެނޭ ގޮތަށް މުހިންމު ބަދަލުތަކެއް ގެނެސް، އެ ބަދަލުތައް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާނުކުރެއްވި ގޮތުގައި، އިޖުތިމާއީ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އެ ކޮމިޓީން ވަނީ ވަކިކުރައްވާފައެވެ. އޭނާގެ ބަދަލުގައި އެ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހަމަޖައްސަވާފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ.

މެމްބަރު އަސްމާ ރަޝީދަކީ މިހާރުވެސް މަޖިލީހުގެ މުހިންމު އެތައް ކޮމިޓީއެއްގައި ހަރަކާތްތެރިވަމުންދާ މެމްބަރެކެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާއި، ގެދޮރުވެރިކަމުގެ ކޮމިޓީގެ އިތުރުން، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މި ފަހަކަށް އައިސް ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ހިމެނޭހެން އެކި ކޮމިޓީތަކަށް ދަނީ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީއަށްވެސް ވަނީ ދާދިފަހުން ބަދަލުތަކެއް ގެނެސްފައެވެ.

މި ބަދަލުތަކުގެ ތެރޭގައި، 241 ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ބަދަލުގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ވަނީ ހަމަޖައްސާފައެވެ. އަދި މާލިއްޔަތު ކޮމިޓީގައި ނާޒިމްގެ ބަދަލުގައި މިހާރު ހިމެނިވަޑައިގަންނަވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރެވެ.

މީގެ އިތުރުން، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ފުނަދޫ ދާއިރާގެ މެމްބަރު އަހުމަދު މަމްދޫހްގެ ބަދަލުގައި އެ ކޮމިޓީއަށް މިހާރު ވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހަމަޖައްސަވައިފައެވެ.

މަޖިލީހުގެ ކޮމިޓީތަކަށް މިފަދަ ބަދަލުތަކެއް ގެންނަވަނީ ކޮމިޓީތަކުގެ މަސައްކަތްތައް ވީހާވެސް ފުރިހަމައަށް އަދި އަވަހަށް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު