މާލެ ސަރަޙައްދުގައި މިހާރު ބާކީ ހުރި ބިންތަކުން ކުރިމަގުގައި އެންމެ ގިނަވެގެންވެސް އެޅޭނީ 12،000 ފްލެޓް ކަމަށާއި، އެހެންކަމުން ރަސްމާލެއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ހިންގަން މަޖުބޫރު މަޝްރޫޢެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު މީކާއިލް ސުވާލު ކުރެއްވީ ގުޅިފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަސްމާލެ މަޝްރޫޢަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ސަބަބާ ގުޅޭގޮތުންނެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވީ، ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދިޔަ ނަމަވެސް، އެއާއެކުއެކީގައި ހުޅުމާލެ ފޭސް 3 އާއި، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ މަސައްކަތްތަކަށްވެސް ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެ ތަންތަނުގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ވީހާވެސް އަވަހަށް ޤާއިމުކޮށް، ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިކަމުގެ މި މަޝްރޫޢުތަކަކީ ބޮޑު ހޭދައެއް ހިނގާ ކަންކަންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ފައިސާ ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް، އެކަމަށް މަޑުނުކޮށް މަސައްކަތް އަވަސްކުރުމަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

"ގުޅިފަޅު، ގިރާވަރުފަޅު، ހުޅުމާލެ 3، މި ތަންތަނުގައި މިހާރު ބިމެއް ނެތް އިތުރަށް ދޭކަށް. ގިނަވެގެން ކުރިމަގުގައި ދެވޭނީ 12،000 ފްލެޓް. އެހެންވީމަ ރަސްމާލެއަކީ މުސްތަޤުބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫއެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެކުލަވާލާފައިވާ 20 އަހަރުގެ ޕްލޭން ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ މަޝްރޫޢުގެ ދަށުން މިހާރު ހުރި ހުރިހާ ބިމެއް ގޯތީގެ ގޮތުގައި ދޫކޮށްފައިވުމުން، މުސްތަޤުބަލުގެ ޖީލުތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ރަސްމާލެ ފަދަ ބިޔަ މަޝްރޫޢެއް ހިންގުން ނޫން ގޮތެއް ނެތް ކަމަށްވެސް މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު