ވަޒީރުންގެ މަޖިލީހުގެ މެންބަރުން
ވަޒީރުންގެ މަޖިލީހުގެ މެންބަރުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލުން އެކުލަވައިލެއްވި ކެބިނެޓުގެ 14 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ކެބިނެޓަށް މި ބަދަލުތައް ގެންނަވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި ބަދަލާއެކު، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އެކުލަވައިލެއްވި 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު ވަނީ އެ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައެވެ. ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސް ވަނީ މިނިސްޓްރީތަކުގެ އަދަދު 15 އަށް މަދުކުރައްވައި، ހަމަ އެ ދުވަހު ކެބިނެޓް އަލުން އެކުލަވައިލައްވާފައެވެ.

އަލުން އެކުލަވައިލި ކެބިނެޓުގައި މުޅިން އަލަށް ފަސް ބޭފުޅަކު ވަނީ ހިމަނުއްވާފައެވެ. އެ ބޭފުޅުންނަކީ:

ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު: ގީލާ އަލީ

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު: ހީނާ ވަލީދު

ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު: އަލީ ޝަރީފް

ފޮރިން މިނިސްޓަރު: އިރުތިޝާމް އާދަމް

ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރު: ހަސަން ރަޝީދު

ކެބިނެޓުގެ ބާކީ ތިއްބެވި 10 ވަޒީރުންނަކީ ކުރިން ވެސް ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ. އާ ކެބިނެޓުގެ އެހެން މަގާމުތަކަށް އައްޔަނުކުރައްވާފައިވާ ބޭފުޅުންނަކީ:

ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު: މޫސާ ޒަމީރު

ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު: އަލީ އިހްސާން

ފިޝަރީޒް އެންޑް އެނަވަޔަރަމެންޓް މިނިސްޓަރު: އަހްމަދު ޝިޔާމް

އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު: މުހައްމަދު ސައީދު

އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރު: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު: މުހައްމަދު އަމީން

އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރު: ޑރ. އަބްދުﷲ މުއްތަލިބް

އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު: ޑރ. އިސްމާއިލް ޝަފީއު

ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު: އަބްދުﷲ ރާފިއު

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށްފަހު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައިވަނީ ހުރިހާ ވަޒީރުންނަކީ ވެސް އެ މަގާމުތަކަށް ޝަރުތު ހަމަވާ ބޭފުޅުން ކަމަށްވާތީ، އެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށެވެ.

މި މައްސަލަ ދެން ފޮނުވޭނީ މަޖިލީހުގެ ތަޅުމަށް ވޯޓަށް އެހުމަށެވެ.



ކިޔުންތެރިންގެ ހިޔާލު