އަމިއްލަ ނަފްސަށް ގެއްލުންދީ އަމިއްލަ ފުރާނަ ދުއްވާލުން ފަދަ ހާދިސާތަކުގެ ހަބަރުތައް ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ހިއްސާކުރާއިރު އެ ހިއްސާ ކުރެވޭ މަޢުލޫމަތުގެ ސަބަބުން މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރުވާ ކަމެކެވެ. 2024 އިން 2026 އާ ދެމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، މިފަދަ ޚަބަރުތައް ރިޕޯޓްކުރާ ގޮތާއި ބޭނުންކުރާ ބަސްމަގަށް ބިނާކޮށް މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ދެ ގޮތަކަށް އަސަރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ފުރަތަމަ ކަމަކީ "ކޮޕީކެޓް" ނުވަތަ "ކޮންޓޭޖަން އިފެކްޓް" އެވެ. މިއީ އަމިއްލައަށް މަރުވުމުގެ ޚަބަރުތައް ފެތުރުމުގެ ސަބަބުން، އެފަދަ ނާޒުކު ދަނޑިވަޅުތަކުގައި ތިބޭ މީހުން އެ ޢަމަލު ނަކަލުކުރުމަށް މަގުފަހިވާ ހާލަތެވެ. "ވާރތަރ އިފެކްޓް" ގެ ނަމުން ނަންދެވިފައިވާ މި ހާލަތަކީ، އަމިއްލައަށް މަރުވުމުގެ މައްސަލަ ވަރަށް ތަފްސީލުކޮށް ނުވަތަ ތަކުރާރުކޮށް ރިޕޯޓްކުރުމުން އެ ވިސްނުން އިތުރުވެ، މަރުވާ މީހުންގެ އަދަދު އިތުރުވުމެވެ. ޚާއްޞަކޮށް، ޚަބަރުތަކުގެ ފަލަސުރުޚީގައި މިފަދަ ވާހަކަތައް ގެނައުމާއި، ސޯޝަލް މީޑިއާގައި ވައިރަލްވުމަކީ ޒުވާނުންނަށް އޭގެ ނުރައްކާ ބޮޑުވާ ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބަޔާންކުރާ ގޮތުގައި، މަރުވި ގޮތުގެ ތަފްސީލު ހިއްސާކުރުމަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށް އެކަން ކުރުމަށް ލިބޭ ބާރެކެވެ. 2025 ވަނަ އަހަރުގެ ރިޕޯޓެއްގައި މިފަދަ ކޮންޓެންޓް ސިފަކޮށްފައިވަނީ "ގެއްލުންހުރި ސުނާމީއެއް" ގެ ގޮތުގައެވެ. އެހެންކަމުން، ހޭލުންތެރިކުރުވުމުގެ ނިޔަތުގައި ކުރި ނަމަވެސް، ޒިންމާދާރުކަން ކުޑަގޮތަކަށް މަޢުލޫމާތު ފެތުރުމަކީ ނުރައްކާތެރި ކަމެކެވެ.

ދެވަނަ ކަމަކީ "ޕްރޮޓެކްޓިވް ޕްރިވެންޝަން އިފެކްޓް" ނުވަތަ "ޕަޕަޖީނޯ އިފެކްޓް" އެވެ. މިއީ ޒިންމާދާރުކަމާއެކު މަޢުލޫމާތު ފެތުރުމުން ލިބޭ ރައްކާތެރިކަމެވެ. އަމިއްލައަށް މަރުވުމުގެ ޚަޔާލުތަކުން އަރައިގަނެ، ދިރިއުޅުމުގެ އުންމީދު އާކުރި މީހުންގެ ވާހަކަތަކާއި، އެހީތެރިކަން ހޯދާނެ ގޮތްތަކަށް އިސްކަންދީގެން ލިޔާ ލިޔުންތަކުގެ ސަބަބުން މިފަދަ ހާދިސާތައް މަދުވާކަން ދިރާސާތަކުން ސާބިތުވެއެވެ. 2025 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ކާމިޔާބުކަމާއެކު ނަފްސާނީ މައްސަލަތަކުން އަރައިގަތް މީހުންގެ ވާހަކަތައް ހިއްސާކުރުމުން، އަމިއްލައަށް މަރުވުމުގެ ވިސްނުން ހުންނަ މީހުންނަށް ހިތްވަރު ލިބި، އެ ވިސްނުން ކުޑަވެގެންދެއެވެ.

ނިޒާމީ މައްސަލަތަކާއި ސަރުކާރުގެ ޚިދުމަތްތަކުގައި ހުރި ފަރަގުތަކާ މެދު އަޑުއުފުލުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، އެކަން ކުރަންވާނީ ޒިންމާދާރުކަމާއެކުގައެވެ. މީހުންގެ ޖަޒުބާތާ ކުޅޭފަދަ ފޮޓޯތަކާއި ކުރެހުންތައް ބޭނުންކުރުމަކީ، ޕޮލިސީ ބަދަލުކުރުމަށް ކުރާ މަސައްކަތަށްވުރެ ލިބޭ ގެއްލުން ބޮޑުވެދާނެ ކަމެކެވެ. ދުނިޔޭގެ ދިރާސާތަކުން ދައްކާ ގޮތުގައި، ގިނަ ފަހަރަށް ރައްކާތެރި ރިޕޯޓިންގެ އުޞޫލުތަކަށް އަމަލެއް ނުކުރެވެއެވެ. ގިނަ މަޢުލޫމާތު ފެތުރެނީ ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ސިޔާސީ އަދި އިޖްތިމާޢީ ފައިދާއަށް އިސްކަންދީގެންނެވެ. މިއީ އާންމުންގެ ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މިފަދަ ޚަބަރާއި މަޢުލޫމާތު ނޫސްތަކުންނާއި ސޯޝަން މީޑީއާގެ އެކި މަންސަތަކުގައި ފޯރުކޮށްދޭ އިރު ޑަބްލިޔުއެޗްއޯގައި ރިޕޯޓުގައި ބަޔާންކޮށްފައި އެވާ ނޭދެވޭ އަސަރުތައް އަހަރެމެންގެ ތެރޭ ތިބި ނަފްސާނީ ބަލިކަށި މީހުންނަށް ނުފޯރާނޭ ފަދަ ގޮތަކަށް ބައްތަން ކުރުމަކީ ކޮންމެހެންވެސް މުހިއްމު ކަމެކެވެ. އެހެންކަމުން އަޅުގަނޑުމެން ނޫސްވެރިންނ އަދި އާއްމުން ހޭލުންތެރިކުރުވުމަށް ސޯޝަލްމީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް ޑަބްލިޔުއެޗްއޯއިން ނެރެފައިވާ ރިޕޯޓުގައި އެކުލަވާލާފައިވާ އެފަދަ ޚަބަރުތައް ގެނެސްދިނުމުގައި އަމަލުކުރަންވީ މައިގަނޑު އުޞޫލުތަކާ އެއްގޮތަށް އެ ހަބަރުތައް ގެނެސްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ނޫސްވެރިން އަދި ސޯޝަލްމީޑިއާގައި މަޢުލޫމާތު ފެތުރުމުގައި ހާއްސަ ސަމާލުކަންދޭންވީ ކަންތައްތައް

• މީހުންގެ ޝައުޤުވެރިކަން ދަމައިގަންނަ ފަދަ ބިރުވެރި ފަލަސުރުޚީތަކާއި، ގްރެފިކްސް އަދި މަރުވި ގޮތުގެ ތަފްސީލުތައް ހިއްސާނުކުރުން.

• އަމިއްލައަށް މަރުވުމަކީ މައްސަލަތަކުގެ "ހައްލެއް" ކަމަށް ސިފަވާ ގޮތަށް ނުލިޔުން.

• ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިންތަކާއި، ސަޕޯޓް ރިސޯސްތަކުގެ މަޢުލޫމާތު ހިމެނުން.

• އުންމީދު އާކޮށްދޭ، އަދި ދަތިތަކުން އަރައިގަތުމަށް ބާރުއަޅާ ވާހަކަތައް ހިއްސާކުރުން.

ޚުލާޞާކޮށް ދަންނަވާނަމަ، ޒިންމާދާރު ރިޕޯޓިންއަކީ އަމިއްލަ ނަފްސަށް ގެއްލުންދޭ އަދި އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މަޢުލޫމާތު ހިއްސާކުރާ ފަރާތުގެ ނިޔަތަށްވުރެ ބޮޑަށް، އެ މަޢުލޫމާތު ގެނެސްދޭ ރާގާއި ގޮތް މުޖުތަމައުގެ ރައްކާތެރިކަމަށް މާ މުހިންމެވެ.



ކިޔުންތެރިންގެ ހިޔާލު