'ކަލްނާޔަކް ރިޓާންސް' މިފިލްމުގެ ޓީޒާއިން ސަންޖޭ ދަތުގެ ވަރުގަދަ އަދި ބިރުވެރި ސިފައެއް ފެނިގެން ހިނގައްޖެއެވެ.

މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ކާމިޔާބު ފިލްމު 'ކަލްނާޔަކް' ގެ އިންތިޒާރު ކުރެވެމުންދާ ސީކުއަލްއިން އޭނާ ފެނިގެންދާނެ ފުރަތަމަ ފެނިލުން އާންމުކުރުމާއެކު، ސަޕޯޓަރުންގެ މެދުގައި ކުރީގެ ހަނދާންތައް އާވެ، ބޮޑު ފޯރިއެއް ވަނީ އުފެދިފައެވެ. މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ކުޅެފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ރޯލަށް އޭނާ އެނބުރި އައުމުގެ ފެށުމެވެ.

ފިލްމު އުފައްދި ފަރާތުން ހުކުރު ދުވަހު ވަނީ 'ކަލްނާޔަކް ރިޓާންސް' ގެ ފުރަތަމަ ޓީޒާ އާންމުކޮށްފައެވެ. މި ޓީޒާއިން ފެންނަނީ ވަރަށް ތަފާތު އަދި ހަރުކަށި ސިފައެއްގައި ހުރި ސަންޖޭ ދަތެވެ. އޭނާގެ މޫނުމަތިން ފެންނަ ހަރުކަށިކަމާއި، ރުޅިވެރިކަމުން ފުރިގެންވާ ބެލުމުގެ ސަބަބުން އޭނާގެ ކެރެކްޓާރ އަށް މި ފިލްމުގެ ޓީޒަރާއެކު ސަޕޯޓަރުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ވަނީ ލިބިފައެވެ. ވަކިން ހާއްސަކޮށް 1993 ވަނަ އަހަރު ރިލީޒްކުރި މަޝްހޫރު ފިލްމުގައި ސަންޖޭ ދަތު ކުޅެދިން ކާމިޔާބު ރޯލުގެ ހަނދާންތައް އާވެ، ސޯޝަލް މީޑިއާގައި މިކަމުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. "އެއްވެސް ކަމެއް ނިމުމަކަށް ނާދޭ... އެކަން އަލުން ފެށެނީ. 'ކަލްނާޔަކް ރިޓާންސް'" މިހެން ލިޔެ ސަންޖޭ ދަތު ވަނީ ޓީޒާ ހިއްސާކޮށްފައެވެ.

މުމްބާއީގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި މި ފިލްމުގެ ޓީޒާ ދައްކާލާފައިވާއިރު، ފިލްމުގެ ޕޯސްޓަރުތައް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. މި ޕޯސްޓަރުތަކުން ސަންޖޭ ދަތުގެ ކެރެކްޓާ ފެނިގެންދާއިރު، އޭގައިވަނީ "ކޮންމެ ވާހަކައަކަށް ވެސް ވަގުތެއް އޮވޭ... އެ ވަގުތު މިހާރު ޖެހިއްޖެ. 'ކަލްނާޔަކް ރިޓާންސް'" މިފަދައިން ލިޔެފައެވެ.



ފިލްމުގެ ލީޑް ރޯލުން ސަންޖޭ ދަތު ފެންނާނެކަން ކަށަވަރުވީ ނަމަވެސް، ފިލްމުގެ އެހެން ކާސްޓުންނާއި ވާހަކައިގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. "ކަލްނާޔަކް ރިޓާންސް" އަކީ ޖިއޯ ސްޓޫޑިއޯސް، އެސްޕެކްޓް އެންޓަޓެއިންމަންޓް އަދި ތުރީ ޑައިމެންޝަން މޯޝަން ޕިކްޗާސް ގުޅިގެން އުފައްދާ ފިލްމެކެވެ. މީގެ ކުރިން ބޮޑު ކާމިޔާބީއެއް ހޯދި "ކަލްނާޔަކް" ގެ ދެވަނަ ބައި އުފެއްދުމުގެ ރަސްމީ ހުއްދަ ހޯދާފައިވަނީ އެސްޕެކްޓް ގްލޯބަލް ވެންޗާސްގެ އެންޓަޓެއިންމަންޓް ގޯފި ކަމަށްވާ އެސްޕެކްޓް ޕްރޮޑަކްޝަނުންނެވެ.



ސުބާޝް ގާއީ ޑައިރެކްޓްކޮށް 1993 ވަނަ އަހަރު ނެރުނު "ކަލްނާޔަކް" އަކީ ބޮލީވުޑްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ވަރުގަދަ ފިލްމެކެވެ. ފިލްމުގެ ޝައުގުވެރި ވާހަކައާއި، މަޤުބޫލު މިއުޒިކްގެ އިތުރުން ސަންޖޭ ދަތު، ޖެކީ ޝްރޮފް އަދި މަދޫރީ ޑިކްސިޓް ފަދަ ތަރިންގެ ފާހަގަކޮށްލެވޭ މޮޅު ހުނަރުގެ ސަބަބުން މި ފިލްމު ވެގެންދިޔައީ އެ ދުވަސްވަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އިންޑިއާގެ ފިލްމެއްގެ ޅެމުގައި ފުރަތަމަ ޖެހުނު ބޮޑު މައްސަލައެއް ޖެހުނީ މި ފިލްމްގެ 'ޗޯލީކޭ ޕީޗޭ ކިޔާ ހޭ" އިންނެވެ. އަދި މިލަވަ އަކީ އޭރުވެސް މިހާރުވެސް މީހުންގެ ތެރޭ ގައި ވަރަށް މަޤްބޫލު ލަވައެކެވެ.



ކިޔުންތެރިންގެ ހިޔާލު