ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ތެރެއިން ހިނގި މި ހާދިސާއާ ގުޅިގެން ރައީސް ޞާލިޙު ވަނީ އެކަމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.





ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙު ވިދާޅުވީ، މޭޔަރު އާޒިމަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މި ހަމަލާ އަވަސް ގޮތެއްގައި ތަޙުޤީޤު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރައީސް ޞާލިޙު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤުތަކެކެވެ. އެހެންކަމުން، ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މަސްއޫލިޔަތެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސިޔާސީ ހަރަކާތްތަކުގެ ތެރެއިން މިފަދަ އަނިޔާވެރި އަމަލުތައް ހިންގުމަކީ ޑިމޮކްރަސީގެ ހަމަތަކާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު