ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީ ތެރެއިން ފަށައިކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނާޒިމް މަޤާމުން ވަކިކުރުމަށްޓަކައި ބޭނުންވާ ސޮއި ހޯދުމާއި، އެކަމަށް މެންބަރުންގެ މެދުގައި ލޮބީ ކުރުމުގެ މަސައްކަތްތަކެއް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ސިއްރިޔާތުގައި ފައްޓަވާފައެވެ. އެހެންކަމުން މި މަސައްކަތް އަދި މުޅި ޕާލިމަންޓްރީ ގްރޫޕަށް ރަސްމީކޮށް އަންގާފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ.

ނާޒިމް މަޤާމުން ވަކިކުރަން އުޅޭ ސަބަބާ ގުޅޭގޮތުން ޕީއެންސީ ޕީޖީ ގްރޫޕްގެ އިސް ބޭފުޅަކު ރާއްޖޭގެ މީޑިއާއެއްގައި ވިދާޅުވީ، މަޖިލީހުގެ ތެރެއިން ނާޒިމް ކަންކަން ކުރައްވާ ގޮތާމެދު ބައެއް މެންބަރުންގެ މެދުގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. "ބައެއް މެންބަރުން ދެކޭ ގޮތުގައި ނާޒިމް މަސައްކަތް ކުރައްވަނީ ސަރުކާރަށް ގެއްލުންވާ ގޮތަށް. ސަރުކާރާ މެދު ހިތްހަމަނުޖެހުން ހުންނާނެ ބައެއް ކަންކަމުގައި، އެހެން ނަމަވެސް ނާޒިމް ބައެއް ފަހަރު މަސައްކަތް ކުރައްވަނީ ފާޅުގައި ސަރުކާރަށް ގެއްލުންވާ ގޮތަށް،" އޭނާ ވިދާޅުވިއެވެ.

މި މަސައްކަތް ފަށާފައިވާކަމުގެ އަޑުތައް ގަދަވެފައިވާއިރު، އިއްޔެގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނާޒިމް ވަނީ ވަކިކޮށްފައެވެ. މި ބަދަލުތައް އަންނަން ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ސަރުކާރާއި ޕީއެންސީގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ.

އެ އިންތިޚާބުގައި ނާޒިމް ތަމްސީލު ކުރަށްވާ ދިއްގަރު ދާއިރާގައި ހިމެނޭ ފަސް ރަށުގެ ތެރެއިން ބައެއް ރަށްރަށުން ޕީއެންސީ ވަނީ ބަލިވެފައެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އާއި ޕީއެންސީގެ ރަސްމީ ފަރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މިވެރިކަން ފެށިގެން އައި ދުވަސްވަރު ނާޒިމް ފާހަގަ ކުރެވިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު