މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ޖުޑިޝަރީ މިނިވަން ކުރުމުގެ މަސައްކަތް ނުކުރަށްވައި، އަދުލު އިންސާފުގެ ދާއިރާ އިތުރަށް ކަސްތޮޅު އެޅުވުމަށް މަސައްކަތް ކުރަށްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި އައްބާސް ވިދާޅުވީ، ފެންނަން ހުރި ހަޤީޤަތްތަކަށް ބަލާއިރު ރައްޔިތުންނަށް މިއަދު ލިބެމުންދާ އެންމެހާ އަސާސީ ޚިދުމަތްތަކަކީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން ޤާނޫނުތައް ވުޖޫދުކޮށްގެން ފޯރުކޮށްދެމުންދާ ޚިދުމަތްތަކެއް ކަމަށެވެ.

އެގޮތުން އެކަނިވެރި މައިންނަށް ދެވޭ އިނާޔަތާއި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ އިނާޔަތުގެ އިތުރުން، ސްކޫލް ކުދިންނަށް ހިލޭ ފޮތްފަންސޫރު ދިނުމާއި، ދަތުރުފަތުރުގެ ނިޒާމާއި، އާސަންދަ އަދި ރަށްފުށުގެ ބޯހިޔާވަހިކަމަކީ އެމްޑީޕީގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ތަޢާރަފްކުރި މިނިމަމް ވޭޖާއި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ޙައްޤުތަކަކީވެސް އެމްޑީޕީން ވަކާލާތު ކޮށްގެން ހޯދައިދީފައިވާ ކަންކަން ކަމަށް އައްބާސް ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން މި ހޭދަކުރެވުނު 21 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، ޖުޑިޝަލް ސަރވިސް ކޮމިޝަން އިޞްލާޙުކޮށް މިނިވަންކުރަން ކެރޭނެ ވަރުގެ ބަޔަކަށް އަދި ފެންނަން އޮތީ އެމްޑީޕީ." އައްބާސް ވިދާޅުވިއެވެ.

އޭގެ އިތުރަށް ރައީސް ޑރ. މުޢިއްޒުގެ އިޚްލާޞްތެރި ނިޔަތެއް އޮތްނަމަ، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުން ކުރަށްވައިގެން، ޖުޑިޝަރީ މިނިވަން ނުކުރަށްވައި ތިން އަހަރު ދުވަސް ވެގެންދަނީ ކީއްވެގެންތޯ އައްބާސް ސުވާލު އުފައްދަވާފައިވެއެވެ.

ހަމައެހެންމެ، މިހާރު ފެންނަމުންދަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ހުއްޓުމެއް ނެތް ބަދަލުތައް ގެނެސް، ޖުޑިޝަރީގެ މިނިވަންކަން ގެއްލުވާލައި، އެ ދާއިރާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި، މިކަމަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކާ ޚިލާފު ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު