ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
މަޖިލީހުން އުފައްދާ ހަރުދަނާ ގާނޫނުތައް އަދުވެރިކަމާއި އިންސާވުވެރިކަމާއެކު ތަންފީޒު ކުރަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ މަޖިލީހުން ކިތަންމެ ބައިވަރު ގާނޫނެއް އުފެއްދިދާނެ ކަމަށާއި، ނަމަވެސް އެ ގާނޫނު ތަކަށް އަމަލުކޮށް ޤާނޫނު ތަންފީޒުވާ މަންޒަރު ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ހަމައެއާއެކު ޖިނާއީ އިޖުރާއަތުގެ ގާނޫނު ރާއްޖޭގައި އޮތް ނަމަވެސް، ދައުލަތުގެ ތިން ބާރު ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މުސްތަގިއްލުކޮށް ހިނގި ދުވަހަކުން ނޫނީ ހުރިހާ ކަމެއް ރަނގަޅު ނުވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.

"މި އިއްޒަތްތެރި މަޖިލީހުން ޖަވާބުދާރީ ކުރުވަން އެޅުވީ ކޮން ފިޔަވަޅެއްތޯ؟ ވަގަށް ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރޭ، ހުއްޓާ ނުލާ." އައްބާސް ވިދާޅުވިއެވެ.

އޭނާ ވަނީ، ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށާއި، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޤާނޫނު ހެދި ނަމަވެސް މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ހޭދަކުރާ މިންވަރާ ގާތަށްވެސް ނަތީޖާ ނެރެދެވޭ ކަމާމެދު ސުވާލު އުފައްދަވާފައެވެ.

"މި ގާނޫނަށް މި އިސްލާހު ނުގެނެސްގެންތޯ މިއަދު ކުށްކޮށްގެން ނުވަތަ ކުށް ކޮށްފައިތިބި ބޭފުޅުންނަށް މިއަދު މިނިވަން ކަމާއެކީގައި ހަރާމް ލާރީގައި ދުނިޔޭގައި އެ އުޅެވެނީ؟" އައްބާސް ސުވާލު އުފެއްދެވިއެވެ.

އަދި ރާއްޖޭގެ ނިޒާމު މިހާރު ބައްޓަންވެފައިވާ ގޮތުން ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ހުރި ތަންތަން ވެސް ހިނގަނީ ހަމަ އެންމެ ބޭފުޅެއްގެ ކޮމާންޑަށް ކަމަށް އައްބާސް މިއަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކުށް ކުރާ މީހުންނަށް އިންސާފު ވެރިކަމާއެކު ފިޔަވަޅު އެޅުމަށް މުއައްސަސާތަކުގެ ވެރިން އިހުލާސްތެރިވެ، ތެދުވެރިވާންޖެހޭކަން އައްބާސް ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް