އެޓަރނީ ޖެނެރަލް-
އެޓަރނީ ޖެނެރަލް-
އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް އަމަލުކުރާ މުއްދަތު އެއް އަހަރަށް އިތުރުކުރުމަށާއި، އަބުރުގެ ގާނޫނުގެ ބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

2008 ވަނަ އަހަރު އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން، ހަދަންޖެހޭ ބައެއް މުހިންމު ގާނޫނުތައް ނުހެދި ހުރުމުގެ ސަބަބުން، އެ ދާއިރާތަކާ ގުޅޭ ގަވާއިދުތަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި "އާއްމު ގަވާއިދުތަކާބެހޭ ގާނޫނު" ގެ ނަމުގައި ގާނޫނެއް ފާސްކޮށް އަންނަނީ އަމަލުކުރަމުންނެވެ. ކޮންމެ އަހަރަކުވެސް މި ގާނޫނުގެ ދަށުން ހިމެނޭ ގަވާއިދަކާ ގުޅޭ ގާނޫނެއް ފާސްވެއްޖެނަމަ އެ ގަވާއިދެއް އުނިކޮށް، ބާކީ ހުރި ގަވާއިދުތަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި މި ގާނޫނުގެ މުއްދަތު މަޖިލީހުން އަންނަނީ އިތުރުކުރަމުންނެވެ.

މިހާރު އަމަލުކުރަމުންދާ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، މި ގާނޫނުގެ ދަށުން މިހާރު ހަދަން ބާކީ އޮތީ ހަމައެކަނި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ އަބުރުގެ ގާނޫނެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ގަވާއިދު ކޮމިޓީން ސުވާލުކުރުމުން، އެޓާނީ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދީފައިވަނީ ބިލުގެ މަސައްކަތް ނިންމައި އަންނަ ޖޫން މަހު މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭޖީ އޮފީހުގެ ޖަވާބާ ގުޅިގެން، މަޖިލީހުގެ ގަވާއިދު ކޮމިޓީން ވަނީ އެ ބިލު ވީހާވެސް އަވަހަކަށް ފޮނުވުމަށް އެންގުމާއެކު، އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހަޅާފައެވެ.

މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ ކޮމިޓީގެ ލަފަޔާ އެއްގޮތަށް، އަބުރުގެ ބިލު އަވަސްކުރުމަށް އޭޖީ އޮފީހަށް އެންގުމަށާއި، އާންމު ގަވާއިދުތަކުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލަށް އިތުރުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު