އިތަމާރު ބެން-ގްވީރު
އިތަމާރު ބެން-ގްވީރު
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު، ހަރުކަށި ފިކުރުގެ އިތަމާރު ބެން-ގްވީރު އޭނާގެ މަގާމުން ވަކިކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެއްގެ އަޑުއެހުންތައް އެ ގައުމުގެ ހައިކޯޓުގައި އިއްޔެ ފަށައިފިއެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ ބެން-ގްވީރު ފުލުހުންގެ މަސައްކަތްތަކުގެ ތެރެއަށް ގަވާއިދާ ހިލާފަށް ނުފޫޒު ފޯރުވައި، ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރަމުންދާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މަޖުބޫރު ކުރުވުމަށެވެ.

ކޯޓުގެ އަޑުއެހުންތައް ކުރިއަށްދިޔަ ވަގުތު ބެން-ގްވީރުގެ ސަޕޯޓަރުން ވަނީ ކޯޓު އިމާރާތުގެ ބޭރުގައި މުޒާހަރާކޮށް، ހައިކޯޓުގެ "ޑިކްޓޭޓަރޝިޕް" ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ކޯޓަށް ވަޑައިގެން ބެން-ގްވީރު އޭނާގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ވިދާޅުވީ، އޭނާ ފުލުހުންގެ ސިޔާސަތުތައް ބަދަލުކުރަމުންދާ ކަމަށް ސަރުކާރުގެ ގާނޫނީލަފާދޭ އޮފިސަރު ވިދާޅުވާ ވިދާޅުވުމަކީ ތެދެއް ކަމަށާއި، އެއީ ރައްޔިތުން އޭނާ އިންތިހާބުކުރީ އެފަދަ ބަދަލުތަކެއް ގެނައުމަށް ކަމަށްވާތީ ކަމަށެވެ.

އަދި ހައިކޯޓުން އިސްރާއީލު ގާނޫނީ ކާރިސާއެއްގެ ތެރެއަށް ވައްޓާނުލުމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. މި މައްސަލައާ ގުޅިގެން އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު ޔަރިވް ލެވިން ވިދާޅުވީ، ބެން-ގްވީރު މަގާމުން ވަކިކުރުމަށް ހައިކޯޓުން ކުރާ އެއްވެސް ހުކުމަކަށް ސަރުކާރުން އިހުތިރާމް ނުކުރާނެ ކަމަށާއި، އެފަދަ ނިންމުމެއްގެ އެއްވެސް ސައްހަކަމެއް ނޯންނާނެ ކަމަށެވެ.

މި ޕެޓިޝަންގައި ތުހުމަތުކޮށްފައިވާ ގޮތުގައި ބެން-ގްވީރު ވަނީ ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް ތަކުރާރުކޮށް ވަދެ، ފުލުހުންގެ ތަހުގީގުތަކަށް ސީދާ ގޮތުން ނުފޫޒު ފޯރުވާފައެވެ. މި އަޑުއެހުންތައް ބާއްވަމުންދަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ކަމަށްވީ ނަމަވެސް، ޝަރީއަތް ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު