އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ރާއްޖޭގައި ގައުމެއްގެ ސިފަ ގެއްލި، ސަރުކާރުން ހިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެމުންދާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ޖަލްސާގައި، "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް" އޮތުން މަޖުބޫރުކުރުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރަށްވަމުންނެވެ. ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި އިސްލާހަށް ތާއީދުކުރަށްވާ ވާހަކަ ދައްކަވަމުން ޣަފޫރު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޣަފޫރުގެ ވާހަކަފުޅުގައި ގައުމުގައި އިންސާފު ގާއިމުވެފައި ނެތްކަން ފާހަގަކުރަށްވައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އާންމު ރައްޔިތުންނާ މެދު އަމަލުކުރާ ގޮތް އިންތިހާއަށް ތަފާތުކަމަށް ވިދާޅުވިއެވެ. އެގޮތުން، އާންމު ރައްޔިތުން އަމިއްލަ މަސައްކަތުން ލޯނު ނަގައިގެން ގެންނަ ކާރުތައް ރަޖިސްޓްރީ ނުކުރެވި ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާއިރު، ސަރުކާރު ހިއްސާވާ ކުންފުންޏަކުން 150 ކާރު ގެނެސް، އެއްވެސް ގަރާޖެއް ނެތި މާލޭގައި ރަޖިސްޓްރީ ކޮށްގެން ދުއްވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ސަރުކާރު ކުންފުންޏަކަށް ވުމުން ގާނޫނާއި ގަވާއިދުން އިސްތިސްނާވެގެން ނުވާނެ." ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭ ފޭސް 3 ގައި ރައްޔިތުންގެ ކާރުތައް ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން، އެ އުޅަނދުތައް ބޭނުންނުކުރެވި ދަބަރަށްވެ ހަލާކުވަމުންދާ ކަމުގެ ކަންބޮޑުވުންވެސް އޭނާ ފާޅުކުރެއްވިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނީ އޮނިގަނޑުގެ ތެރެއަށް ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް ތައާރަފުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ޣަފޫރު ވިދާޅުވީ، އެފަދަ ނިޒާމެއް އޮތުމަކީ އެ ފުރުސަތު ބޭނުންވާ ފަރާތްތަކަށް މަގުފަހިވެ، އުޅަނދުތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެ ކަމެއް ކަމަށެވެ.

އޭގެއިތުރުން ޣަފޫރު ވަނީ، ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކުމުން ސަރުކާރުން ތަފާތު އެކި ތުހުމަތުތައް ކުރި ނަމަވެސް އެފަދަ ކަންކަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު