ސުޕަރ ޓައިފޫން ސިންލަކޫ
ސުޕަރ ޓައިފޫން ސިންލަކޫ
ޕެސިފިކް ކަނޑުގައި އުފެދިފައިވާ ނުރައްކާތެރި "ސުޕަރ ޓައިފޫން ސިންލަކޫ" އެމެރިކާގެ ބައެއް ރަށްތަކާ ދިމާލަށް މިސްރާބު ޖަހާފައިވާތީ، އެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި، މި ތޫފާން އަންގާރަ ދުވަހު ނޮދަން މަރިއާނާ އައިލެންޑްސްއަށް އަރާނެއެވެ. މީގެ ސަބަބުން ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގާނެ ކަމަށް ބެލެވެއެވެ.

މި އަހަރުގެ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ ބާރުގަދަ މި ތޫފާނުގައި، ގަޑިއަކު 173 މޭލު (278 ކިލޯމީޓަރު) ބާރުމިނުގައި ވައިޖެހެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ތޫފާން ރޮޓާ، ޓީނިއަން އަދި ސައިޕަން ފަދަ ރަށްތަކާ ގާތްވަމުންދާއިރު، އޭގެ ބާރު ކުޑަކޮށް ދަށްވި ނަމަވެސް، ރަށްތަކާ ހަމައަށް ފޯރާއިރު ހުންނާނީ ކެޓަގަރީ 4 ނުވަތަ 5 އެއްގެ ބާރުމިނުގައި ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގުއާމްއަށް ވެސް ތޫފާނުގެ އަސަރު ކުރާނެތީ، އެ ރަށަށް ވަނީ ޓްރޮޕިކަލް ސްޓޯމް ވޯނިންގް ނެރެފައެވެ.

ކުރިއަށް އޮތް ނުރައްކަލަށް ތައްޔާރުވުމުގެ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގުއާމް އަދި ނޮދަން މަރިއާނާ އައިލެންޑްސްއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްދަ ދެއްވާފައެވެ.

ގުއާމްގައި ތިބި އަސްކަރީ ފަރާތްތަކަށް ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް އަންގާފައިވާއިރު، 2023 ވަނަ އަހަރު ކުރިމަތިވި 'ޓައިފޫން މާވަރު' ގެ ހަނދާންތައް އަދިވެސް އެ ސަރަހައްދުގެ މީހުންގެ މެދުގައި އާވެފައިވެއެވެ. "ސުޕަރ ޓައިފޫން" އަކީ އާންމުކޮށް ޕެސިފިކް ކަނޑުގެ ހުޅަނގު އުތުރު ސަރަހައްދުގައި އުފެދޭ އެންމެ ބާރުގަދަ ތޫފާންތަކަށް ކިޔާ ނަމެކެވެ.



ކިޔުންތެރިންގެ ހިޔާލު