އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު
އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަތުމާއެކު، ދިވެހި ރައްޔިތުންގެ މެދުގައި އޮތް ސިޔާސީ ފޯރި އާދަޔާޚިލާފަށް އިތުރުވެފައިވާކަމަށް ވިޔަފާވެރިޔާ އަދި ސިޔާސީ މަސްރަހު ދިރާސާކުރަށްވާ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.

ފިރާޤް މިއަދު ވިދާޅުވީ، ރައީސް ނަޝީދު ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި އުޅުއްވާ ވަގުތުތަކަކީ ރައްޔިތުން ސިޔާސީ ކަންކަމަށް ހޭލަށްވާލާ "އެލާމް ކްލޮކެއް" ފަދަ ވަގުތުތަކެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ހަރަކާތްތަކުގެ ސަބަބުން މުޅި ގައުމުގެ ސަމާލުކަން ސިޔާސީ ކަންކަމަށް ހުއްޓި، ސިޔާސީ ކަންކަމާމެދު ބަހުސްކުރުމާއި ސުވާލު އުފެއްދުމުގެ ރޫހު އާލާވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދު ފެންނަން ހުންނައިރު، ރައްޔިތުން ގައުމީ މައްސަލަތަކާ މެދު ވިސްނާ މިންވަރު އިތުރުވޭ. މީހުން އިތުރަށް ވާހަކަދައްކަން ފަށައި، ގައުމު މިދާ މިސްރާބާ މެދު ސުވާލު އުފައްދާ،." ފިރާޤް ވިދާޅުވިއެވެ.



ހަމައެއާއެކު ފިރާޤު ވިދާޅުވީ، މި ފޯރީގެ ސަބަބުން ގައުމީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ސިޔާސީ މަސްރަހަށް އާ ދިރުމެއް ލިބިގެންދާ ކަމަށެވެ. ރައީސް ނަޝީދުގެ ޚާއްޞަ ސިފައެއްގެ ގޮތުގައި ފިރާޤް ފާހަގަކުރެއްވީ، ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ދެ ދާއިރާއެއް ކަމަށްވާ ތިމާވެށީގެ މައްސަލަތަކާއި ކޮރަޕްޝަނާ ދެކޮޅަށް އެމަނިކުފާނު ފާޅުގައި ވާހަކަ ދެއްކެވުމެވެ.

މި މައުޟޫއުތަކަކީ އަބަދުވެސް ރައްޔިތުންގެ ސަމާލުކަން ބޭނުންވާ، އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކެއްކަން ފިރާޤް ފާހަގަކުރެއްވިއެވެ.

ފިރާޤް މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ހަރަކާތްތަކާއެކު ސިޔާސީ މަސްރަހު ހަލަބޮލިވެފައި މިވަނީ، ރާއްޖޭގެ ސިޔާސީ ދާއިރާއަށް ގިނަ ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގެ އިންތިޚާބު ކުޑަތަންވެފައިވާއިރު ރައީސް ނަޝީދު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދަވައި ދެއްވުމަށް ރަށްރަށަށް ވަޑައިގަތުމުން އެމްޑީޕީ މެންބަރުންގެ ފަރާތުން ފެންނަމުންދަނީ އާދަޔާ ޚިލާފު ފޯރިއެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރަށްވާ ފަރާތްތަކުން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު