އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު
އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޚިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ފައިސާ ހޯދުމަށްޓަކައި، ހުޅުމާލެއިން 600 އަށް ވުރެ ގިނަ ޕާކިން ސްލޮޓް ކަޓު ނަގައިގެން ވިއްކާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ހަތް ސަރަހައްދަކުން 600 އަށް ވުރެ ގިނަ ޕާކިން ސްލޮޓް ވަނީ ބޮޑު އަގުގައި "ކަޓު ނަގައިގެން" ވިއްކާލާފައެވެ. މިގޮތުން ބައެއް ފަރާތްތަކުގެ އަތުން 35،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދެއް "ކަޓު" ގެ ގޮތުގައި ނަގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

މި ތުހުމަތުތަކުގައިވާ ގޮތުން، މި ސްލޮޓްތައް ވިއްކާފައިވަނީ އެއްވެސް އިއުލާނެއް ކުރުމެއް ނެތި އުސޫލުން ބޭރުންނެވެ. އަދި 600 ސްލޮޓުން ލިބޭނެ ކަމަށް ބެލެވޭ 21 މިލިއަން ރުފިޔާއަކީ އެޗްޑީސީއަށް ވަންނާނެ ފައިސާއެއް ނޫން ކަމަށާއި، މިއީ ކެމްޕޭނަށް ފައިސާ ހޯދުމަށް ހިންގާ އަމަލެއް ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

ނަމަވެސް، މި ތުހުމަތުތަކާ ގުޅިގެން އެޗްޑީސީން މިއަދު ބުނީ ޕާކިން ސްލޮޓްތައް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެހެންނަމަވެސް އަދި އެއްވެސް ފަރާތަކަށް ސްލޮޓެއް ވިއްކާފައި ނުވާނެ ކަމަށެވެ.

"އެއްވެސް ފަރާތަކަށް އަދި ނުވިއްކަން. ދޫވެސް ނުކުރަން. ނުވިއްކާ އެއްޗަކަށް ފައިސާއެއް ނުނަގާނެ." އެޗްޑީސީން ބުނެފައިވެއެވެ.

މިކަމުގެ ތަފްސީލު ދެމުން އެޗްޑީސީން ބުނެފައިވަނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޕޮކެޓް ޕާކިން ދޫކުރުމަށް އާންމުކޮށް އިއުލާނު ކުރި ކަމަށާއި، ގިނަ ބަޔަކު އެކަމަށް ކުރިމަތިލާފައިވާ ކަމަށެވެ. އަދި އުސޫލުގެ ތެރެއިން އެ ފަރާތްތައް އިވެލުއޭޓްކޮށް، ޝަރުތު ހަމަވާ މީހުންގެ ލިސްޓު މިހާރު އާންމުކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އަދި އާންމުންނަށް އޮޅުން އަރާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އެޗްޑީސީން ބުނީ، މިފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު