ފޮޓޯ: ރިވެލި ބީޗް ކްލަބް
ފޮޓޯ: ރިވެލި ބީޗް ކްލަބް
ހުޅުމާލޭގައި ހިންގަމުން އަންނަ މަގުބޫލު "ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓް" ވަގުތީ ގޮތުން ބަންދުކުރުމަށްފަހު، ސިވިލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ރޭ އަލުން ހުޅުވައިފިއެވެ.

މި ރެސްޓޯރެންޓް ހިންގަމުން އަންނަ ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ ހިނގައިދިޔަ ކަންކަމަކީ ހުޅުމާލޭގެ ޕްލޮޓް ނަންބަރު 10877 ކުއްޔަށް ދިނުމާ ގުޅޭގޮތުން އެ ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އުފެދިފައިވާ ގާނޫނީ މައްސަލަތަކެއްގެ ތެރެއިން ހިނގި ކަމެކެވެ.

އެޗްޑީސީން އެތަން އަތުލުމަށް ފޮނުވި ނޯޓިސްތަކަކީ ބާތިލު ނޯޓިސްތަކެއް ކަމަށް ބުނެ ސޮލާރިސް ކުންފުނިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ސޮލާރިސް އިން ބުނީ މި މައްސަލައަކީ ކޯޓުގައި އަދިވެސް ހިނގަމުންދާ، އަދި އެއް ކަމަކަށްވުރެ ގިނަ ކަންކަން އެކުލެވިގެންވާ މައްސަލައެއް ކަމަށެވެ.

އެޗްޑީސީގެ ޓީމަކުން އެތަނަށް ޒިޔާރަތްކުރުމާ ގުޅިގެން ރެސްޓޯރެންޓް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު ނަމަވެސް، ސިވިލް ކޯޓުން ވަނީ އެޗްޑީސީގެ ނޯޓިސް ތަންފީޒުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރާ ގުޅިގެން ރޭގެ 20:15 ގައި ރެސްޓޯރެންޓް އަލުން ހުޅުވައި، ކަސްޓަމަރުންނަށް މިހާރު ދަނީ ހިދުމަތް ދެމުންނެވެ.

މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުން ދެއްކި ކެތްތެރިކަމަށް ސޮލާރިސް އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ޝަރުއީ މަރުހަލާ ކުރިއަށްދާތީ، ކޯޓުގެ ނިންމުންތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމްކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ކޯޓުގައި މައްސަލަ ކުރިއަށްދާތީ، އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް