މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު
ރައްޔިތުންގެ އަސާސީ މުހުތާދުތައް ފުއްދައިދިނުމަށާއި، ބަލިހާލަތާއި އެކި ދަތިތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

އިއްޔެ ދ. ބަނޑިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރަSqވައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ހަދާނެ ގޮތެއް ނެތިފައި އެތައް ރައްޔިތުންނެއް އެނދުމަތިވެފައި އެބަތިބި ކަމަށެވެ. އަދި އެ މީހުންނަކީ ދައުލަތުގެ އެހީތެރިކަމަށް އެދި އާދޭސް ކުރަމުންދާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބަލިވެފައި ތިބި މީހުން އަޅާލަދެއްވާށޭ. ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވެދޭށޭ. ރައްޔިތުންގެ މުހުތާދުތައް ފުއްދައިދެއްވާށޭ. ހަމަ އަސަރާއެކު މި ވާހަކަ ސަރުކާރަށް މި ދެންނެވީ." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ދ. އަތޮޅުގެ ގިނަ ރަށްތަކަކަށް ކުރެއްވި ޒިޔާރަތުގައި، އާސަންދަ ނުލިބިގެން ތިބި އެތައް ބަޔަކާ ބައްދަލުވެފައިވާ ކަމަށެވެ. ރައްޔިތުންނަށް އާސަންދައިގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ނުލިބޭއިރު، އެ ސްކީމުގެ ތެރޭގައި ބޮޑެތި ޚިޔާނާތްތައް ހިނގަމުންދާ ކަމުގެ ތުހުމަތު އޭނާ ކުރެއްވިއެވެ.

އާސަންދައިގެ ތެރޭގައި ކޮރަޕްޝަން އޮތް ގޮތް ތަފްސީލުކޮށްދެއްވަމުން ސިޔާމް ވިދާޅުވީ، ކޮންޓްރެކްޓް ދޭ މީހާއާއި، އެމްބަސީތަކުގައި ތިބޭ މީހުންނާއި، ހޮސްޕިޓަލްތަކުގެ މެނޭޖަރުން ވެސް ކޮމިޝަން ނަގަމުންދާ ކަމަށެވެ. މީގެ ސަބަބުން 50 ޑޮލަރު އަރަންޖެހޭ ބިލަކަށް 500 ޑޮލަރު އަރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮބައިތޯ އާސަންދައިން ޚަރަދުކުރާ ފައިސާތައް. ކޮންތާކަށް ތޯ އެ ދަނީ. ކޮބައިތޯ އާސަންދައިން އަޅުގަނޑުމެންގެ ރައްޔިތުންނަށް ދޭން ޖެހޭ ހައްގުތައް. އާސަންދައަކީ ކީއްކުރާ އެއްޗެއްތޯ މިއަދު." ސިޔާމް ސުވާލު އުފެއްދެވިއެވެ.

މީގެއިތުރުން، ރައްޔިތުންނަށް ދޭންޖެހޭ ބޭސްގުޅައަށް ޚިޔާނާތްތެރިވާ ބަޔަކު، ދެން ޚިޔާނާތްތެރި ނުވާނީ ކޮން ކަމަކަށްތޯ ސިޔާމް ސުވާލު ކުރެއްވިއެވެ. އަދި މިއީ މިދިޔަ ހުރިހާ ސަރުކާރުތަކެއްގައި ވެސް ކަންކަން ހިނގާފައިވާ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ދައުލަތަށް ކޮންމެ ރައްޔިތަކު ޓެކްސް ދައްކާއިރު، އެ ފައިސާއިން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން ޖެހޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިގުތިޞާދީ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ފުރުސަތު އޮތް ނަމަވެސް، ވޭތުވެދިޔަ ފަސް ވެރިކަމުގައި ވެސް ފެނިގެން ގޮސްފައިވަނީ ގައުމަށް ޚިޔާނާތްތެރިވެފައިވާ މަންޒަރު ކަމަށާއި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ މިންވަރު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ ސިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު