އިސްރާއީލުގެ ސިފައިން
އިސްރާއީލުގެ ސިފައިން
ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލް ސިފައިން އެއްގަމު މަގުން ވަދެގަނެ، ހިންގަމުންދާ އޮޕަރޭޝަން ވަރުގަދަކޮށްފައިވަނިކޮށް، ހިނގި ކުރިމަތިލުންތަކެއްގައި އިސްރާއީލްގެ ހަތަރު ސިފައިން މަރުވެއްޖެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން މިއަދު ކަށަވަރުކޮށްދީފިއެވެ.

އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ލުބުނާނުގެ ދެކުނުގައި ހިޒްބުﷲ ގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި ވަރުގަދަ ކުރިމަތިލުމެއްގެ ތެރޭގައެވެ.

މި ހަމަލާގައި އިތުރު ދެ ސިފައިން ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި، އެ ގައުމުގެ ސިފައިން މިހާރު ދަނީ ލުބުނާނުގެ ދެކުނުގެ އެތެރެއަށް އިތުރަށް ވަދެ، ހިޒްބުﷲ ގެ އަމާޒުތަކަށް ހަމަލާދެމުންނެވެ.

"އޮޕަރޭޝަން ރޯރިންގް ލަޔަން" ގެ ނަމުގައި ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް އިސްރާއީލްގެ 10 ސިފައިން މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެފައި މިވަނީ، އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ސަރަހައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ހިޒްބުﷲ އިންވެސް ވަނީ ލުބުނާނުގެ އައިނާތާ، ނަގޫރާ އަދި ބައްޔާދާ ފަދަ ސަރަހައްދުތަކުގައި އިސްރާއީލް ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ސިފައިން މަރުވީ، އެކްލީޓް ރެކޮނިސަންސް ޔުނިޓަކުން ހިޒްބުﷲ ގެ ގްރޫޕަކާ ކުރިމަތިލާން ޖެހުނު ވަގުތުގައެވެ. އަދި ޒަޚަމްވި މީހުން ސަލާމަތް ކުރަން އުޅުނު ވަގުތު، ޓޭންކް ނައްތާލާ ކަހަލަ މިސައިލް ހަމަލާތަކެއްވެސް އެ ސަރަހައްދަށް އަމާޒުވި ކަމަށް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު