ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުތައް ހިއްޕަވައިގެން ނުކުންނަވާ ކެންޑިޑޭޓުންނަށް ރަށްރަށަށް ތަރައްޤީ ނުގެނެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކައިރީގައި ރައްޔިތުން ކުރަންވީ ސުވާލަކީ މި ސަރުކާރުން ވީ ވައުދުތަކަށް ވީގޮތް ކަމަށެވެ. އެގޮތުން ފުވައްމުލަކުގެ ބަނދަރު ބޮޑުކުރުމާއި، އެއަރޕޯޓް ރަންވޭ ބޮޑުކުރުމަށް ވީ ވައުދުތަކަށް ދެ އަހަރުވެގެން ދިޔައިރުވެސް އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައި ނުވާތީ އެކަމާއި މެެދު ސުވާލު ކުރަންޖެހޭ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

"ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ އަޅުގަނޑުމެން ވީ ވައުދެއް. އެކަމަށް ފައިސާ ހޯދާފައިވަނިކޮށް، މި ސަރުކާރުން އެކަމަށް ކުރީ ކޮން މަސައްކަތެއްތޯ ސުވާލުކުރަންޖެހޭ. މަގު ހެދުމުގެ ދެވަނަ ފޭސް އެމްޓީސީސީއާ ހަވާލުކޮށް ސޮއިކޮށްފައި އޮއްވާ، ރައީސް މުޢިއްޒު އެކަމަށް ވީ ވައުދުތައް ކޮބައިތޯ ބަލަންޖެހޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މައްސަލައަކީ ރަށްރަށަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން ނޫން ކަމަށާއި، މައްސަލައަކީ ރައީސް މުޢިއްޒުގެ ސިޔާސަތުތައް ކަމަށެވެ. އެ ސިޔާސަތުތަކުގެ ދަށުން ރައްޔިތުންނަށް ހެޔޮއެދިގެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ކެންޑިޑޭޓުންނަށް ހަމައެކަނި ކުރެވޭނެ ކަމަކީ މަތިން އަންގާ ގޮތަކަށް އަމަލުކުރުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުވިދާޅުވަމުން ސޯލިހު ވިދާޅުވީ، އެޓޯލްސް މިނިސްޓްރީއެއް އުފައްދާ، އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު ރީޖަނަލް އޮފީސްތަކެއް ހަދަން އުޅުމަކީ އިތުރު ޚަރަދުތަކެއް ހިނގާނެ ކަމެއް ކަމަށެވެ. އަދި ރަށްރަށް ތަރައްޤީ ކުރެވޭނީ ބާރުތައް ރަށްތަކަށް ދޫކޮށްލައިގެން ކަމަށާއި، އެމްޑީޕީއަކީ ބާރުތައް ދޫކޮށްލަން ބިރުގަންނަ ބައެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި، އައްޑޫ، ފުވައްމުލައް، ތިނަދޫ އަދި ކުޅުދުއްފުށީގެ ރައްޔިތުންވެސް ބޭނުންވަނީ ރަށު ފެންވަރުގައި ތިބި ބަޔަކު ބާރުވެރިކަން ކުރާތަން ދެކެން ކަމަށާއި، އެކަމަށް އޮތް ހަމައެކަނި މަގަކީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު