މި ސަރުކާރުގެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުންގެ ތެރެއިން ސަތޭކައަކުން އެކަކުވެސް ތާއީދު ނުކުރާ ކަމަށާއި، އެ ނުރުހުން ވޯޓަށް ބަދަލުކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ގޮވާލައްވައިފިއެވެ.

މިރޭ އައްޑޫ ސިޓީގައި އެމްޑީޕީން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ، މިހާރުގެ ސަރުކާރުން އިންތިޚާބާ ދިމާކޮށް ވަޒީފާތައް ދެމުންދަނީ ރައްޔިތުންގެ ފައިސާއިން ރިޝްވަތު ދިނުމުގެ ގޮތުން ކަމަށެވެ.

"މިހާރު އިންތިޚާބަށް ދޭ ވަޒީފާއަކީ ރިޝްވަތު ދެނީ ނޫންތޯ؟ މިއީ ރައްޔިތުންގެ ފައިސާ ނޫންތޯ މި ބަހަނީ ވޯޓު ގަންނަން؟" ރައީސް ސާލިޙް ސުވާލު އުފެއްދެވިއެވެ.

ރައީސް ސާލިޙް ވިދާޅުވީ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބަކީ ސަރުކާރުގެ މިފަދަ އަމަލުތަކަށް ޖަވާބުދީ، އެކަން ހުއްޓުވަން ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ. އަދި އެ ދުވަހު ނަގާ ވޯޓަކީ އެމްޑީޕީން ގެނައި "ހެޔޮވެރިކަން" އަނބުރާ ހޯދުމަށް ނަގާ ވޯޓެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

"ރައްޔިތުންގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތު މިއޮތީ އައިސް ޖެހިފަ. އަޅުގަނޑުމެން އެ ސިޔާސަތުތަކަށް ނޫނެކޭ ބުނަންވާނެ،" ރައީސް ސާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނުމަކީ ލާމަރުކަޒީ ނިޒާމް އުފައްދާ، ދަމަހައްޓާ، އެކަން ކުރިއަރުވާ ފަރާތަކަށް ވޯޓު ދިނުން ކަމަށެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް އެދޭނަމަ، އޭޕްރީލް 4 ގައި ނުކުމެ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ސާލިޙް އިލްތިމާސް ކުރެއްވިއެވެ. އަދި މި އިންތިޚާބަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފެށުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަމަގައިމުވެސް މިހުންނެވި ރައީސް ޑރ. މުޢިއްޒަކަށް މިރާއްޖެއަކު ތާއީދެއް ނެތް. އަޅުގަނޑަކަށް ނުފެނޭ ސަތޭކައަކުން އެކަކުވެސް މި ސަރުކާރުން މިކުރާ ސިޔާސަތުތަކަށް ތާއީދުކުރާތަނެއް، އެކަން ވޯޓަށް ބަދަލުކޮށްދެއްވާ" ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް ވިދާޅުވީ، ސަރުކާރުން ވަޒީފާއާއި ރިޝްވަތުގެ ބޭނުން ހިފި ނަމަވެސް، ރައްޔިތުން ނުކުމެ އެކަމަށް "ނޫނެކޭ" ބުނެ މި އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު