ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމާނެ ކަމަށާއި، މިހާރު އޮތް ސަރުކާރަށް ދެން ފުރުސަތެއް ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ އައްޑޫ ސިޓީގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ބޮޑުވެ، ބަދަލަކަށް ރައްޔިތުން އެދިއެދި ތިބިކަން ހާމަވަމުންދާ ކަމަށެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށް އިދިކޮޅު އެމްޑީޕީން މިހާރުވެސް ވަނީ ވަރުގަދަ ކެންޕެއިން ހަރަކާތްތަކެއް ފަށާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީގެ ފޯރިގަދަކޮށް، ރައްޔިތުންގެ ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިއީ އިންތިހާބު ކާމިޔާބު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ދެކެއެވެ. އައްޑޫގައި ބޭއްވި މި ޖަލްސާއަކީވެސް މި ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ކެންޕެއިން ފޯރިއާއެކު ކުރިއަށް ދިޔަ ނަމަވެސް، ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީ މިހާތަނަށް ބާއްވާފައެއް ނުވެއެވެ.

ޕާޓީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ޕާޓީގެ ސަފުތައް ބަދަހިކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށެވެ. ނަމަވެސް، އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް ކެންޑިޑޭޓަކު ހޮވުމުގެ ފޯރި ޕާޓީގެ އެތެރޭގައި ގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު