އައިއާރުޖީސީ
އައިއާރުޖީސީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ވަގުތަކު މިހާރު ކުރިއަށްދާ ހަނގުރާމަ ނުނިމޭނެ ކަމަށާއި، ހަނގުރާމަ ނިމުމަކަށް އަންނާނީ އީރާނުން

އެގޮތަށް ނިންމުމުން ކަމަށް އެގައުމުން ބުނެފިއެވެ.

އީރާނުގެ އިސް އޮފިޝަލަކު ޕްރެސް ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާއިން އެކި ޑިޕްލޮމެޓިކް ވަސީލަތްތައް މެދުވެރިކޮށް މަޝްވަރާ ކުރުމަށް ބާރުއަޅަމުން ދިޔަ ނަމަވެސް، އެމެރިކާގެ ހުށަހެޅުންތަކަކީ އިޚުލާސްތެރިކަމެއް ނެތް އޮޅުވާލުންތަކެއް ކަމަށެވެ.

އަދި މީގެ ކުރިން ބޭއްވުނު މަޝްވަރާތަކަށްފަހު ވެސް އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާތައް ދީފައިވާތީ، ވޮޝިންޓަނުގެ ނިޔަތާމެދު އީރާނުން ވަނީ ސުވާލު އުފައްދާފައެވެ. މަޝްވަރާގެ މޭޒަށް އައުމަށްޓަކައި އީރާނުން ވަނީ މައިގަނޑު ފަސް ޝަރުތެއް ކުރިމަތިކޮށްފައެވެ.

އޭގެ ތެރޭގައި ދުޝްމަނުން ދެމުންދާ ހުރިހާ ހަމަލާތަކާއި މީހުން މެރުން މުޅިން ހުއްޓާލުމާއި، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމުގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް އޮތްކަން ބަލައިގަތުން ހިމެނެއެވެ. މީގެ އިތުރުން ސަރަހައްދުގައިވާ "ރެސިސްޓަންސް ގްރޫޕްތަކަށް" އަމާޒުކޮށް ކުރާ ހަނގުރާމަ ހުއްޓާލުމަށާއި، އަލުން ހަނގުރާމައެއް ފެށިޔަނުދޭނެ ކަމުގެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަށް ވެސް އީރާނުން ވަނީ ގޮވާލާފައެވެ.

މި މަސްރަހު އިންތިހާއަށް ގޯސްވެގެން ދިޔައީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ މިހާތަނަށް ސަރަހައްދުގައިވާ އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް 80 އަށްވުރެ ގިނަ ހަމަލާތައް ދީފައެވެ. އީރާނުން ބުނަމުންދަނީ އެގައުމުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވަންދެން ދިފާއީ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު