މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ޙަމީދު
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ޙަމީދު
ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަން މަސައްކަތްކުރާ އިޞްލާޙުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަގު ހަނިވެގެންދާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ޙަމީދު ވިދާޅުވެއްޖެއެވެ.

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. ރައްޔިތުންގެ މަޖިލީހުން 10 ފެބްރުއަރީ 2026 ގައި މި ބަދަލު ގެނައުމަށް ފާސްކޮށްފައިވީ ނަމަވެސް، މި ބިލް ތަޞްދީޤު ކުރުމުގެ ކުރިން ރައްޔިތުންގެ ބަހެއް ހޯދުމަށް ނިންމީ މިކަމުގެ ސަބަބުން ސިޔާސީ ހަލަބޮލިކަމެއް އުފެދިދާނެތީ ކަމަށް ޑރ. ޙަސަން ލަފާކުރަށްވާފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ޑރ. ޙަސަން ޙަމީދު އެމަނިކުފާނުގެ ބްލޮގްގައި ބަޔާންކުރައްވާފައިވަނީ، ދެ އިންތިޚާބު އެއްކޮށްލުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަގު ހަނިވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ތާރީޚަށް ބަލާއިރު ޢާއްމު ރައްޔިތުންގެ މިފަދަ ވޯޓުލުންތައް ހަތަރު ފަހަރަކު ބާއްވާފައިވާކަމަށާއި، އެއީ 1952، 1954، 1968 އަދި އެންމެ ފަހުން 2007 ވަނަ އަހަރު ނިޒާމީ ވޯޓުލުން ކަން ޑރ. ޙަސަން ފާހަގަ ކުރެއްވިއެވެ.

ޑރ. ޙަސަން ވިދާޅުވީ، މި ބަދަލަށް ތާއީދުކުރާ ފަރާތްތަކުން ބުނާ މައިގަނޑު ފައިދާއަކީ ޚަރަދު ކުޑަވުން ކަމަށެވެ. އެގޮތުން ދެ އިންތިޚާބު ވަކިން ބޭއްވުމުގެ ބަދަލުގައި އެއްކޮށްލުމުން ގާތްގަނޑަކަށް 54 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި، މީގެ އިތުރުން ސިޔާސީ ފަރާތްތަކުން ކެމްޕޭނަށް ކުރާ ޚަރަދު ކުޑަވުމާއި، އިދާރީ ފަސޭހަތަކެއް ލިބުން ހިމެނޭ ކަމަށް ޑރ. ޙަސަން ވިދާޅުވެފައިވެއެވެ.

ނަމަވެސް، ޑރ. ޙަސަން ޙަމީދު ފާހަގަކުރަށްވާ ގޮތުގައި މިކަމުގެ ގެއްލުން މާ ބޮޑެވެ. އޭނާގެ މަޒުމޫނުގައި ފާހަގަކުރައްވާފައިވާ ބައެއް ނުކުތާތަކަކީ:

" ސީދާ ޑިމޮކްރެސީ ހަނިވުން: އިންތިޚާބުތައް ގިނަވުމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ޑިމޮކްރެސީގެ ސިފަ ފުރިހަމަވާ ކަމެކެވެ.

ޖަވާބުދާރީ ކުރުވުން ހުއްޓުން: ފަސް އަހަރު ތެރޭގައި ދެ ފަހަރު އިންތިޚާބު އޮތުމުން، ސަރުކާރާއި މަޖިލިސް މެންބަރުން ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަން ޖެހެއެވެ. ދެ އިންތިޚާބު އެއްކޮށްލުމުން މި ފުރުޞަތު ގެއްލި، ވެރިކަން ޚުދުމުޚްތާރުވުމުގެ ފުރުޞަތު އޮވެއެވެ.

ޤައުމީ އަދި ސަރަޙައްދީ މައްސަލަތައް މަސްހުނިވުން: ރިޔާސީ އިންތިޚާބަކީ ޤައުމީ ކަންކަމަށް އަމާޒުވާ ކަމެކެވެ. މަޖިލިސް އިންތިޚާބަކީ ސަރަޙައްދީ ކަންކަމަށް އަމާޒުވާ ކަމެކެވެ. މި ދެކަން އެއްކޮށްލުމުން ބޮޑެތި މައްސަލަތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވާނެއެވެ.

ވެރިކަން ކުރާ ޕާޓީއަށް ނާޖާއިޒު ފައިދާ ލިބުން: އިންޑިއާ ފަދަ ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، ދެ އިންތިޚާބު އެއްކޮށްލުމުން އަބަދުވެސް ފައިދާވަނީ ވެރިކަމުގައި އޮންނަ ޕާޓީއަށެވެ."

އޭގެއިތުރުން ޑރ. ޙަސަން ޙަމީދު ބަޔާންކުރައްވާފައިވަނީ، އިންޑިއާގައިވެސް މި މަޝްވަރާތައް ހިނގާތާ 10 އަހަރު ވެފައިވާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން މިކަން ސިފަކުރަނީ "ވަން ނޭޝަން، ނޯ އިލެކްޝަން" ގެ ގޮތުގައި ކަމަށެވެ. ރާއްޖޭގެ މިހާރުގެ ޑިމޮކްރެޓިކް ސަގާފަތަށް ބަލާއިރު، މި ބަދަލަކީ ރައްޔިތުންނަށް ފައިދާހުރި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު