ބިން ހަވާލުކުރުން ކުރިޔަށްދަނީ
ބިން ހަވާލުކުރުން ކުރިޔަށްދަނީ
"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ކަށަވަރުވެފައިވާ ފަރާތްތަކަށް ބިންތައް ހަވާލުކުރުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދަނީ އެ ސަރަހައްދު ސާވޭކުރުމާއި ގޯތިތަކުގެ އިންފާރު ވަކިކުރުމުގެ އަމަލީ މަސައްކަތްތައް ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެޗްޑީސީ ގުޅިގެންނެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހިންގާ މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މުޅިން ނިމިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ މި ސަރަހައްދުން ޖުމްލަ 1،351 ގޯތި އޭގެ ހައްގުވެރިންނާ ހަވާލުކުރުމެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެކި ސަބަބުތަކާހުރެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، އަލުން މި މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ބޭނުންކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ނެދަލޭންޑްސްގެ ބޮސްކާލިސްގެ 22،000 ސީބީއެމްގެ ބޮޑު ޑްރެޖަރެކެވެ.

މި ސަރުކާރުން ބުނީ، ކުރީގެ ސަރުކާރުން ފޭސް ތިނަކުން ގޯތިތައް ދޫކޮށްފައިވަނީ ބިން ނުހިއްކައި، ކަނޑުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މިހާރު ވަނީ ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ރައްޔިތުންނަށް އަމަލީ ގޮތުން ބިން ހަވާލުކުރުމުގެ މަރުހަލާ ފަށާފައެވެ.

މި ބިންތައް ހަވާލުކުރުމާއެކު، މާލޭގެ ގިނަ އާއިލާތަކަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު