ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ ސްޓޯރޭޖު އިތުރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި މިނިސްޓަރު ވިދާޅުވީ، މި ޕްރޮޖެކްޓް ނިމުމުން މާލެ ސަރަހައްދުގައި ދެ މަހާއި 15 ދުވަހުގެ މުއްދަތަށް ބޭނުންވާ ގޭސް ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށެވެ. މިހާރު މޯލްޑިވް ގޭހަށް އެއްފަހަރާ ރައްކާ ކުރެވެނީ 1،000 ޓަނުގެ ގޭހެވެ.

މި ޕްރޮޖެކްޓުގެ ޕްރޮކިއުމަންޓް މަސައްކަތްތައް އެސްޓީއޯ އިން މިހާރު ފަށާފައިވާ އިރު، މި އަހަރުގެ ނިޔަލަށް މި މަސައްކަތް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ގޭސް ރައްކާކުރާނެ ޖާގަ އިތުރުކުރުމަކީ ގޭހުގެ ދަތިކަން ހައްލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރުން، ތެޔޮ އުފުލުމަށް އެސްޓީއޯ އިން އާ އުޅަނދެއް ގަނެފައިވާ ފަދައިން، ގޭސް ގެނައުމުގައި ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް ކައްކާ ގޭސް ލިބުމުގައި ބޮޑު ދައްޗެއް ނެތް ނަމަވެސް، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ގޭހުގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން މޯލްޑިވް ގޭހުން ވަނީ ދެ ފަހަރެއްގެ މަތިން ގޭސް ވިއްކާ މިންވަރު ލިމިޓުކޮށްފައެވެ. ނަމަވެސް އާ ސްޓޯރޭޖް ފެސިލިޓީއާ އެކު މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު