ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
މެދުއިރުމަތީގައި، ހާއްސަކޮށް އީރާނާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރާނެ ޕްލޭނެއް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި މާކެޓްގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ސޭވް ކުރެވޭނެ ދާއިރާތައް ދެނެގަތުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ދަނީ ކުރަމުންނެވެ. ހަނގުރާމަ މިހާރުން މިހާރަށް ހުއްޓުނު ކަމުގައި ވިޔަސް، އިގްތިސާދީ ހާލަތު އާންމު ހާލަތަކަށް ރުޖޫއަވުމަށް މަދުވެގެން ހަތަރު މަސް ދުވަސް ނަގާނެ ކަމަށް މާހިރުން ލަފާކުރާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މި ހަނގުރާމައިގެ ސަބަބުން ސަރުކާރަށް ލިބޭ މަހު އާމްދަނީން ގާތްގަނޑަކަށް 85 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. މި ހާލަތާ ގުޅިގެން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެން ބައެއް މަޝްރޫއުތައް މަޑުޖައްސާލުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ރައީސަށް ހުށަހަޅާ ޕްލޭންގެ މުހިއްމު ބައިތައް އާންމުކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު