އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިއްޙީ ހާލަތާ މެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ.

މެމްފިސްގައި ބޭއްވި ރައުންޑްޓޭބަލް ބައްދަލުވުމެއްގެ ތެރެއިން، އުމުރުން 79 އަހަރުގެ ޓްރަމްޕް ނިދިފިލުވަން އުނދަގޫވެ، ލޯ މައްޗަށް އަރައި، ބޯ ތަޅުވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު ކުރިއަށް ދިޔަ މި ހަރަކާތުގައި، އެހެން ބޭފުޅުން ވާހަކަދައްކަވަމުން ދިޔަ ވަގުތު ޓްރަމްޕް ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރި ތަން ފެންނަ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޓްރަމްޕްގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ މެދު ސުވާލު އުފައްދާފައެވެ.

މީގެ ކުރިން ވެސް ޓްރަމްޕްގެ އަތްތިލައިގައި ނޫފައިގަނެފައި ހުރުމާއި، ކަރުގައި ރަތް ކުލައިގެ ބިހިތަކެއް ހުރުމުގެ ސަބަބުން ސިއްޙީ ކަންބޮޑުވުންތައް އުފެދުނެވެ. ނަމަވެސް ވައިޓް ހައުސްއިން ބުނެފައިވަނީ އެއީ ސަލާމްކުރުމުގެ ސަބަބުންނާއި އެސްޕިރިން ބޭނުންކުރުމުގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކަމަށާއި، ރައީސްގެ ސިއްޙަތު ރަނގަޅު ކަމަށެވެ.

ޓްރަމްޕްގެ ޑޮކްޓަރުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ފައިގެ ނާރުތަކަށް ދިމާވާ "ކްރޮނިކް ވެނަސް އިންސަފިޝަންސީ" ކިޔާ ބައްޔެއް ހުރި ނަމަވެސް، އެއީ ޢުމުރުން ދުވަސްވީ މީހުންނަށް އާންމުކޮށް ދިމާވާ ނުރައްކަލެއް ނެތް ކަމެކެވެ.

ޓްރަމްޕް އަމިއްލަފުޅަށް ވިދާޅުވެފައިވަނީ އޭނާގެ ސިއްޙަތު "ފުރިހަމަ" ކަމަށާއި، ލޭ ތުނިކުރުމަށްޓަކައި ގަވާއިދުން އެސްޕިރިން ބޭނުންކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ފަހަކަށް އައިސް ފެންނަމުންދާ މިފަދަ މަންޒަރުތަކުގެ ސަބަބުން، އޭނާގެ ގާބިލުކަމާ މެދު ދަނީ އިތުރަށް ބަހުސްކުރެވެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު