ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން
ޤާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް، ޤާނޫނު ނުދަންނަ އަދި ޤާނޫނު އަސާސީވެސް ނުދަންނަ "އުސޫލު" ކިޔާ އެއްޗެއް ބޭނުންކޮށްގެން ބަދަލުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވީ، ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލާ މީހުންގެ ތެރެއިން 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ މީހުން، އެ ބިން ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އޮތް އުސޫލު އިސްލާހުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ.

މިކަމަށް ކުރީގެ މެންބަރު ޢަލީ ޙުސައިން ފާޑުވިދާޅުވީ، ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ މިލްކުވެރިކަމުގެ ޙައްޤުތަކާއި އުސޫލުތަކަށް "އުސޫލު" ކިޔާ ލިޔުމެއްގެ ދަށުން ބަދަލު ގެނައުމަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރަށްވަމުންނެވެ.

"ގާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮންނަ ކަމެއް، ގާނޫނު ނުދަންނަ އަދި ގާނޫނު އަސާސީވެސް ނުދަންނަ “އުސޫލު”ކިޔާއެއްޗެއް ބޭނުންކޮށްގެން ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން." ޢަލީ ޙުސައިން ވިދާޅުވިއެވެ.

ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، މިހާރު އުސޫލު އޮންނަ ގޮތުން 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ ނަމަ އެތަން ދައުލަތަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. ނަމަވެސް، އެ ބިން ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި، އަނބިމީހާ ނުވަތަ ފިރިމީހާ، ނުވަތަ ދަރިން، ނުވަތަ އެއްބަނޑެއްބަފާ މީހުންގެ ތެރެއިން ބޭނުން މީހަކަށް އެ ބިން ދޫކޮށްލެވޭ ގޮތަށް އުސޫލު ބަދަލުކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި މި ބަދަލު އުސޫލަށް ގެނެސް އާންމުކުރާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ބިންކޮޅު ހަމައެކަނި ސަރުކާރަށް ދޫކޮށްލަން ޖެހޭނީ މިހާރު ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ދޫކޮށްލާ ހާލަތުގައި އެކަނި ކަމަށެވެ.

މި މައްސަލާގައި އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތީ، ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި، އެއްމެދު ގޯއްޗެއް ބަހައިގެން ލިބޭ ބައި 400 އަކަފޫޓަށް ވުރެ ބޮޑުނުވުން "މުދަލުގެ މިލްކުވެރިކަމުގެ މިންގަނޑު" ގައި ހިމަނާފައި އޮތުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު