އިބްރާހީމް ޒޮލްފަގާރު
އިބްރާހީމް ޒޮލްފަގާރު
ހޮރުމޯޒު ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް، އީރާނުގެ އަސްކަރިއްޔާ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން 'ލޮލަކަށް ލޮލެއް' އުސޫލުން ބަދަލުހިފާނެ ކަމަށް ބުނެ ހޫނު ރައްދެއް ދީފިއެވެ.

މި ޚަބަރަށް ސޯޝަލް މީޑިޔާގެ އެކި މަންސަތަކުގައި ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާއިރު، މި ޚަބަރުގެ ސައްހަކަން އަލްޖަޒީރާ ނިއުސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އީރާނުން މީގެ ކުރިންވެސް މިކަހަލަ އިންޒާރުތަކަށް ބަހުން އަދި އަމަލުންވެސް ވަނީ ރައްދު ދީފައެވެ. އީރާނުގެ އަސްކަރިއްޔާ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ތަރުޖަމާނު އިބްރާހީމް ޒޮލްފަގާރު ވިދާޅުވި ގޮތުގައި އީރާނުގެ ހަކަތަ އުފައްްދާ ކާރުޚާނާތަކަށް ހަމަލާ ދީފިނަމަ، މެދު އިރުމަތީގައި، އިސްރާއީލް އަދި އެމެރިކާގެ ހިއްސާ އޮންނަ، ފައިދާ ވާ ނުވަތަ ފައިދާ ވެދާނެ ހުރިހާ ތަނަކަށް އީރާނުން ހަމަލާ ދޭނެއެވެ. މީގެ ތެރޭގައި ހަކަތަ އުފައްދާ ކާރުޚާނާތަކާއި، އައިޓީ ކުންފުނިތަކާ އަދި ޑީސަލިނޭޝަން ޕްލާންޓްތައް ހިމަނާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑުތަކަށް ދިން ހަމަލާތަކާ ގުޅިގެން، ގަތަރުގެ ރަސް ލައްފާނަށް އީރާނުން ހަމަލާ ދިނީވެސް "ލޮލަކަށް ލޮލެއް"، މި ސްޓްރެޓެޖީގައެވެ. ތާރީހަށް ބަލާއިރު، ކުރީގެ ވަރުގަދަ ޝަހުސިއްޔަތުންގެ ކިބައިންވެސް، "ލޮލަކަށް ލޮލެއް" ، މި ބީދައިން އަޑު އިވިފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން، އީރާނުގެ ކަރަންޓު ކަނޑާލާނެ ކަމަށް ބުނެ ޓްރަމްޕް ދިން އިންޒާރަށް ރައްދު ދެއްވަމުން، އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުވެފައިވާ އީރާނުގެ ސެކިއުރިޓީ ޗީފް އަލީ ލަރީޖާނީ އޭރު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ، ޓްރަމްޕް އީރާނުން ކަރަންޓު ކަނޑާލައިފިނަމަ، ބައިގަޑިއިރު ތެރޭގައި މުޅި އަރަބި ސަރަޙައްދު އަނދިރިވެގެންދާނެ ކަމަށާއި، އެ އަނދިރީގެ ތެރޭގައި އެމެރިކާގެ އަސްކަރީ އުޅަނދުތައް ދެނެގަނެ، އެ ތަކެއްޗަށް ހަމަލާދީ ބިންތިރިކުރުން މާ ފަސޭހަވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ހޮރްމޫޒް ކަނޑޯޅި ބަންދުކޮށްފައި އޮންނަ އޮތުން 48 ގަޑިއިރު ތެރޭ ނިމުމަކަށް ނުގެނެސްފި ނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތައް އެމެރިކާއިން "ފުނޑުފުނޑުކޮށްލާނެ" ކަމަށެވެ.

ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލާއި ގޭހުގެ 20 އިންސައްތަ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާއިރު، އިރާނުން އެ ސަރަހައްދު ބަންދުކުރުމާއި މެދުއިރުމަތީގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.



ކިޔުންތެރިންގެ ހިޔާލު