ސައުދީ އަރަބިއްޔާގައި ހުންނަ އީރާނު އެމްބަސީގެ ފަސް މުވައްޒަފަކު 24 ގަޑިއިރު ތެރޭގައި އެ ގައުމުން ފޭބުމަށް ސައުދީ ސަރުކާރުން އަމުރުކޮށްފިއެވެ.

ސައުދީ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މުވައްޒަފުންނަކީ އެ ގައުމަށް ބޭނުންނުވާ "ޕާސޯނާ ނޮން ގްރާޓާ" މީހުންގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި އީރާނު އެމްބަސީގެ މިލިޓަރީ އެޓޭޗޭ އާއި އޭނާގެ އެހީތެރިޔާގެ އިތުރުން އިތުރު ތިން މުވައްޒަފަކު ހިމެނެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ އީރާނުން ސައުދީ އަރަބިއްޔާއަށާއި، ގަލްފް ގައުމުތަކުގެ އިތުރުން އަރަބި އަދި އިސްލާމީ ގައުމުތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ.

ސައުދީ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، އީރާނުން ސައުދީގެ އުމްރާނީ ވަސީލަތްތަކަށާއި އިގްތިސާދީ މަސްލަހަތުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، 2023 ވަނަ އަހަރުގެ "ބެއިޖިން އެގްރީމަންޓް" އާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެކެވެ.

އީރާނުން މިފަދަ ހަމަލާތައް ހުއްޓާނުލައިފިނަމަ، ދެ ގައުމުގެ ގުޅުމަށް އިތުރު ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ސައުދީން ވަނީ ދީފައެވެ.

އަދި އަމިއްލަ ނަފްސުގެ ދިފާއުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ސައުދީ ސަރުކާރުން ފަސްނުޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ސައުދީގެ މިނިންމުމަކީ ފެބްރުއަރީ މަހު އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަވުމާ ގުޅިގެން، މެދުއިރުމަތީގައި މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ނިންމި ނިންމުމެކެވެ.



ކިޔުންތެރިންގެ ހިޔާލު