އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އިރާނުގެ ބިރުވެރިކަން ނައްތާލުމަށްފަހު ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ޒިންމާ އެމެރިކާގެ ބަދަލުގައި އެ ސަރަހައްދު ބޭނުންކުރާ އެހެން ގައުމުތަކުން އުފުލަންޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ "ޓްރުތް ސޯޝަލް" އެކައުންޓް މެދުވެރިކޮށް ދެއްވި އަޕްޑޭޓެއްގައި އޭނާ ވިދާޅުވީ، އިރާނުގެ ސަރުކާރާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތައް ނިންމާލުމަށް ބޭނުންވާ މަގުސަދުތައް ހާސިލްވުމާ ވަރަށް ގާތްވެފައިވާ ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ކަނޑުއޮޅި ބަލަހައްޓައި ފޯރިމަރަންވާނީ އެ ސަރަހައްދު ބޭނުންކުރާ އެހެނިހެން ގައުމުތަކުން ކަމަށާއި، އެމެރިކާއިން އެ މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެ ގައުމުތަކުން އެދިއްޖެ ހާލަތެއްގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދީފާނެ ކަމަށާއި، ނަމަވެސް އިރާނުގެ ނުރައްކާ ނައްތާލުމަށްފަހު އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، އެހެން ގައުމުތަކަށް އެ ސަރަހައްދު ބެލެހެއްޓުމަކީ އަސްކަރީ ގޮތުން ކުރަން ވަރަށް ފަސޭހަ ކަމަކަށް ވާނެކަމަށެވެ.

ޓްރަމްޕްގެ މި ވާހަކަތަކުން ދޭހަވަނީ މެދުއިރުމަތީގައި އެމެރިކާއިން ހިންގާ އަސްކަރީ ޙަރަކާތްތައް މަދުކޮށް، ސަރަހައްދީ ސަލާމަތީ ކަންކަން އެހެން ގައުމުތަކާ ހަވާލުކުރުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތު ކަމަށް މަސްރަހް ދިރާސާ ކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު