ތެލުގެ އަގު ކުޑަކުރުމަށް ނުވަތަ ތެލަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި އެސްޓީއޯގެ ފައިދާއިން ބައެއް ނަގަން އުޅުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންއެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު ވިދާޅުވީ، އެސްޓީއޯއަށް ލިބޭ ފައިދާއަކީ ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އަދަދެއް ނޫންކަމަށެވެ. އަދި އެ ކުންފުންޏަށް ތެޔޮ އެތެރެކުރުމަށްޓަކައި އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ލޯން ފެސިލިޓީތަކާއި ކްރެޑިޓް ފުރުސަތުތައް ލިބެނީ ކުންފުނީގެ މާލީ ހިސާބުތަކާއި ލިބޭ ފައިދާއަށް ބަލާފައި ކަމަށް އަމްރު ވިދާޅުވިއެވެ.

"ތެޔޮ އެތެރެކުރުމަށްޓަކައި ހަ މަސްދުވަހުގެ މުއްދަތު އެބައޮތް ފައިސާ ދައްކަން ލިބިފައި. އެއީ އެސްޓީއޯގެ ހިސާބުތަކަށް ބަލާފައި ދީފައިވާ މުއްދަތެއް. އެހެންނަމަވެސް އެސްޓީއޯގެ ފައިދާ ކުޑަވާނަމަ، އެ ފެސިލިޓީތަކަށް އަސަރުކުރާނެ،" އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ އެސްޓީއޯގެ މާލީ ހާލަތު ދަށްވެއްޖެނަމަ، މިހާރު ލިބޭ ހަ މަސްދުވަހުގެ ކްރެޑިޓް މުއްދަތު ތިން މަހަށް ކުރުވެ، ނުވަތަ ލޯން ފެސިލިޓީގެ އަދަދު ކުޑަވެއްޖެނަމަ، ރާއްޖެއަށް ތެޔޮ އެތެރެކުރުމުގައި އިންތިހާ ދަރަޖައިގެ ތާށިކަމެއް ކުރިމަތިވާނެ ކަމަށެވެ.

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން އަމްރު ވިދާޅުވީ، މަގުބޮކިތައް ނިއްވާލުން ފަދަ ކަންކަމަކީ މާލީ ގޮތުން ބޮޑު ސަލާމަތެއް ލިބޭނެ ކަންކަމަށް ނުވީ ނަމަވެސް، އަމަލީ ގޮތުން ސަރުކާރުން ފިޔަވަޅުތަކެއް އަޅާކަން ފެނުމަކީ ރައްޔިތުންނަށް އިތުބާރު ލިބޭނެ ކަމެއް ކަމަށެވެ. ނަމަވެސް، އެންމެ މުހިންމު ކަމަކީ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ހައްތާވެސް ކަންކަން ހުރީ ވަރަށް ރަނގަޅަށޭ ބަރާބަރަށޭ ބުނާތަން. އެހެންނަމަވެސް ހާލަތު ގޯސްވެ، ކުއްލިއަކަށް ފިޔަވަޅު އަޅަން ޖެހުމުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު މާ ބޮޑުވެގެންދޭ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވަނީ މިދަނޑިވަޅު ސަރުކާރުން މުހިންމު ތިން ކަމެއް ކުރުމަށް ގޮވާލައްވާފައެވެ.

އެއީ ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުމާއި ރާއްޖެއިން ބޭރުވާ ޑޮލަރު މަދުކުރެވޭނެ ގޮތްތަކެއް ހޯދުމުގެ އިތުރުން މިކަންކަމުގެ ހަގީގީ އަދި ސާފު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އަމްރު ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން، އިގްތިސާދީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހަގީގަތް ފޮރުވުމުގެ ބަދަލުގައި، ދުރާލާ ރޭވުންތެރިކަމާއެކު ފިޔަވަޅު އެޅުމަށް އަމްރު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރައި، ރާއްޖޭގައި ވެސް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން މިހާރު ސަރުކާރުން ރާވާފައިވާ ކަމަށެވެ.

"އެގޮތުން މި ރޭވީ އެސްޓީއޯގެ ފައިދާގެ ތެރެއިން، މިސާލަކަށް ސަބްސިޑީ ސަރުކާރުން ދޭނެ. އޭގެ ތެރޭގައި އެސްޓީއޯގެ ފައިސާ އެންޓިސިޕޭޓްކުރާނެ. މިސާލަކަށް 1.5 ފައިދާގެ ގޮތުގައި ލިބޭނަމަ، އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒްކޮށް، އެބްޒޯބްކުރެވޭތޯ މިބަލަނީ،" ޒަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު