ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1،000 ހައުސިންގ ޔުނިޓް އެޅުމަށް ކުރިން ކޮށްފައިވާ އިޢުލާނުގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނައުމަށްފަހު، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޝަރުތުތަކަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ފްލެޓް ގަންނަ ފަރާތްތަކަށް ޑިވެލޮޕަރުން އިންޝުއަރެންސް ހަމަޖައްސައިދޭންޖެހޭ ގޮތަށް އޮތް މާއްދާ އުނިކުރުން ހިމެނެއެވެ. މީގެ އިތުރުން، މާލީ އިދާރާތަކުން ދޫކުރާ 'ލެޓަރ އޮފް ކޮމްފޯޓް' އާ ގުޅޭ ޝަރުތަށްވެސް ވަނީ ލުއިތަކެއް ދީފައެވެ. ކުރިން އޮތް ގޮތުން ނަމަ، މަޝްރޫޢުގެ މުޅި ޚަރަދުގެ 100 އިންސައްތައަށްވާ ފައިސާ ޑިވެލޮޕަރުގެ އަތުގައި ހުރިކަން ސާބިތުކޮށްދޭން ޖެހެއެވެ.

ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓްތައް ބިނާކުރާނީ ހުޅުމާލޭ ފޭސް 3 ގެ ފަސް ބިމެއްގައެވެ. ކޮންމެ ބިމެއްގައި 200 ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް ބޭނުންވާ ބިން ސަރުކާރުން ހިލޭ ދޫކުރާއިރު، އިމާރާތްކޮށް ނިމުމުން އެ ތަންތަން ވިއްކާނީ މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށެވެ.

މި މަޝްރޫޢުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ތިން ކޮޓަރީގެ ޔުނިޓެއްގެ އެންމެ ކުޑަ ސައިޒަކީ 950 އަކަފޫޓެވެ. އަދި ދެ ކޮޓަރީގެ ޔުނިޓެއްގެ އެންމެ ކުޑަ ސައިޒަކީ 700 އަކަފޫޓެވެ. އަގުތަކަށް ބަލާއިރު، ތިން ކޮޓަރީގެ ޔުނިޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ ޔުނިޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ.

މިނިސްޓްރީން ބުނީ ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ގަންނަ ފަރާތްތަކާ ފްލެޓްތައް ހަވާލުކުރަން ޖެހޭނެ ކަމަށެވެ. މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 31 ވަނަ ދުވަހެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1،000 ހައުސިންގ ޔުނިޓް އެޅުމަށް ކުރިން ކޮށްފައިވާ އިޢުލާނުގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު