އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލް މެޗުގެ ތެރެއިން ސެނެގާލް ޓީމު ދަނޑުން ފޭބި މައްސަލަ ބެލުމަށްފަހު، މޮރޮކޯއަށް މުބާރާތުގެ ޗެމްޕިއަންކަން ދޭން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމައިފިއެވެ.

މޮރޮކޯއާއި ސެނެގާލް ބައްދަލުކުރި މި އަހަރުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފައެވެ. ނަމަވެސް އިތުރު ވަގުތުގެ ތެރޭގައި ސެނެގާލުން ލަނޑެއް ޖަހައި 1-0 އިން މެޗު ކާމިޔާބުކުރިއެވެ.

މައްސަލަ އުފެދުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް، ވީއޭއާރްގެ އެހީގައި ރެފްރީ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެންނެވެ. ކޮންގޯގެ ރެފްރީ ޖީން ޖަގޭސް އެންޑާލާގެ މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން، ސެނެގާލްގެ ކޯޗު ޕަޕޭ ޗާއޯ ވަނީ ކުޅުންތެރިން ދަނޑުން ބާލުވައިފައެވެ.

ކޯޗުގެ މި ނިންމުމާއެކު ޓީމު ޑްރެސިން ރޫމަށް ދިއުމުން މެޗު 15 މިނެޓަށް މެދުކަނޑާލަން ޖެހުނެވެ. އެހެންނަމަވެސް، ޓީމުގެ ކެޕްޓަން ސަޑިއޯ މާނޭ އިސްނަގައިގެން ކުޅުންތެރިން އަލުން ދަނޑަށް ނެރުނެވެ. މިކަން މާނޭ ވަނީ ފަހުން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައެވެ. އަދި ސެނެގާލްގެ ކޯޗު ޗާއޯ ވަނީ އޭނާގެ އަމަލަށް މައާފަށް އެދި، ރެފްރީގެ ގޯސް ގަބޫލުކުރި ކަމަށް ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ކާފްއިން ކުރިން ވަނީ ކޯޗު ޗާއޯ ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފައެވެ. ނަމަވެސް މައްސަލަ އިތުރަށް ބެލުމަށްފަހު ކާފްގެ އެޕީލް ބޯޑުން ނިންމީ، ސެނެގާލުން މެޗު ދޫކޮށްލި ކަމަށެވެ. އެހެންކަމުން، މުބާރާތުގެ ގަވާއިދުތަކަށް ރިއާޔަތްކޮށް، މޮރޮކޯ 3-0 އިން މޮޅުވި ކަމަށް ނިންމައި އެ ޓީމަށް ވަނީ ޗެމްޕިއަންކަން ދީފައެވެ.

ކާފްގެ މި ނިންމުމާ ގުޅިގެން ސެނެގާލްގެ ފުޓުބޯޅަ އިދާރާއިން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު