ބަންޑާރަނައިބު އަޙްމަދު އުޝާމް
ބަންޑާރަނައިބު އަޙްމަދު އުޝާމް
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ހުށަހެޅުމުގެ މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފަށައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހުރި ބައެއް މައްސަލަތައް ޙައްލުކޮށް، ދައުލަތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މައިގަނޑު ތިން އިޞްލާޙެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައި ވާކަމަށެވެ. މީގެ ތެރޭގައި ޖޭއެސްސީގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، މަޖިލިސް މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ގެންނަ އިޞްލާޙު ހިމެނެއެވެ.

ބަންޑާރަނައިބު ވިދާޅުވި ގޮތުގައި، މި އިޞްލާޙުތަކުގެ ތެރެއިން ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ އިޞްލާޙުގެ މަސައްކަތް އެންމެ ފުރަތަމަ ކުރިއަށްގެންދަން ނިންމީ އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަކަށްވާތީއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެ ވޯޓު ނެގުމުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. ވަކިން އެފަދަ ވޯޓެއް ނަގާނަމަ ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭނެތީ، މިއީ އިޤްތިޞާދީ ގޮތުންވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ސަރުކާރުން ދެކެއެވެ.

މީގެ އިތުރުން، ޖޭއެސްސީގެ އެކުލަވާލުމަށާއި މަޖިލިސް މެންބަރުންގެ އަދަދަށް ގެންނަ އިޞްލާޙުތަކަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަންކަމަށް ނުވާތީ، އެކަންކަމާ ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން ބަންޑާރަނައިބު ވަނީ ދެއްވާފައެވެ.

މި ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށް ދައުލަތް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. އަދި މި އިޞްލާޙުތައް މަޖިލީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށްވެސް ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު