ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ސީނިއާ ފެލޯ އަދި އޮބާމާ ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޔޫރަޕިއަން އެފެއާޒްގެ ކުރީގެ ސީނިއާ ޑިރެކްޓަރު ޗާލްސް ކަޕްޗަން
ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ސީނިއާ ފެލޯ އަދި އޮބާމާ ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޔޫރަޕިއަން އެފެއާޒްގެ ކުރީގެ ސީނިއާ ޑިރެކްޓަރު ޗާލްސް ކަޕްޗަން
އެމެރިކާ އިސްވެ އޮވެ، އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ފާޅުގައި ވަންނަން އެއްވެސް ގައުމަކުން ބޭނުން ނުވާ ކަމަށް ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ސީނިއާ ފެލޯ އަދި އޮބާމާ ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޔޫރަޕިއަން އެފެއާޒްގެ ކުރީގެ ސީނިއާ ޑިރެކްޓަރު ޗާލްސް ކަޕްޗަން ވިދާޅުވެއްޖެ އެވެ.

ހޯރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ މަގު ފަހިކުރުމަށްޓަކައި އުފެއްދި ބައިނަލްއަގުވާމީ އިއްތިހާދަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން، އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ޗާލްސް ވިދާޅުވިގޮތުގައި މިހަނގުރާމައަކީ ޔޫރަޕްގެ އިއްތިހާދީ ގިނަ ގައުމުތަކެއްގެ އާންމުންގެ މެދުގައި ވަރަށް ބޮޑު ނުރުހުމެއް އޮތް ހަނގުރާމައެކެވެ. އެހެންކަމުން އެއިން އެއްވެސް ގައުމަކުން ސީދާގޮތުން މިގޭ ތެރެއަށް ވަންނަން ބޭނުން ނުވެއެވެ.



"ސީދާ ހަނގުރާމައިގެ ތެރެއަށް ވަންނަ ބައެއްގެ ގޮތުގައި ފެންނާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވޭ. މިއީ ޔޫރަޕްގެ އިއްތިހާދީ ގިނަ ގައުމުތަކެއްގެ އާންމުންގެ މެދުގައި ވަރަށް ބޮޑު ނުރުހުމެއް އޮތް ހަނގުރާމައެއް. އެހެންކަމުން، މީގެ ތެރެއަށް މާ ފުންކޮށް ވަންނާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވޭ،" އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ޗާލްސް ވިދާޅުވިއެވެ.

އެނާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މިފަދަ އިއްތިހާދެއްގައި ބައިވެރިވާން ގައުމުތަކުން ފަސްޖެހޭ މައިގަނޑު އެއް ސަބަބަކީ، ކަނޑުގެ މައިންތައް ނައްތާލުމުގައި ހުރި ނުރައްކާތަކުގެ ބޮޑުކަމުން ކަމުންނެވެ.

"ހޯރްމުޒް ކަނޑުއޮޅިއަކީ ހަނި އަދި ތިލަ ތަނެއް. އީރާނުގެ އައްސޭރިފަށުން އުޅަނދުފަހަރަށް ހަމަލާދިނުމުގެ ގާބިލުކަން އެބަހުރި. މީގެ އިތުރުން ކަނޑުއަޑިން ދަތުރުކުރާ އުޅަނދުތަކާއި، ޔޫކްރޭނުން ރަޝިޔާއާ ދެކޮޅަށް ބޭނުންކުރާ ފަދަ ކަނޑުދަތުރުކުރާ ޑްރޯންތައް ބޭނުންކުރުމުގެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވިއެވެ.

އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކުރިން ކުރެވުނު މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، މިހާރު މިއޮތް ސަރުކާރަކީ މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއިން މަޝްވަރާކުރަންޖެހޭނެ ފަރާތް ކަމަށް ބެލެވޭ ކަމަށެވެ.

އަދި އޭނާ އިތުރަށް ވިދާޅުވީ، "އީރާނުގެ މިހާރުގެ ނިޒާމަކީ ދެމިއޮތުމުގެ ބާރުގަދަ، ވަރަށް ފުންމިނަށް މުއައްސަސާތައް ފެތުރިފައިވާ ނިޒާމެއް. އެހެންކަމުން، މާ ގާތް މުސްތަގުބަލެއްގައި އެ ނިޒާމަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވޭ،" ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު