ރާއްޖެއިން ބޭރުގެ ގައުމުތަކާއި، ރިސޯޓުތަކުގެ އިތުރުން ސިނާއީ ސަރަހައްދުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމީ، އެ ތަންތަނުގައި ވޯޓުލާން ރަޖިސްޓްރީވީ މީހުންގެ އަދަދު 500 އަށް ވުރެ މަދުވުމުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

މީޑިއާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އިންތިޚާބުތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި އެކި މަސައްކަތްތަކުގައި އުޅޭ މީހުން ރަޖިސްޓްރީވެފައިވަނީ ވަރަށް މަދު އަދަދަކަށް ކަމަށެވެ. މާޒީގައި އަމަލުކުރަމުން އައި އުސޫލަށް ބަލާއިރު، ބޭރު ގައުމުތަކާއި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަނީ ރަޖިސްޓްރީވާ މީހުންގެ އަދަދާއި ތަފާސްހިސާބުތަކަށް ބެލުމަށްފަހު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އިއުލާނުކުރީމަ ރަޖިސްޓްރީއެއް ނުކުރޭ. ރަޖިސްޓްރީ ނުކުރީމަ، ރާއްޖެއިން ބޭރުގައިވެސް، ބައެއް ސިނާއީ ސަރަހައްދުތަކުގައިވެސް އަދި ބައެއް ރިސޯޓުތަކުގައިވެސް ވޯޓުފޮށި ބެހެއްޓޭގޮތް ނުވީ،" ޒާހިދު ވިދާޅުވިއެވެ.

ޒާހިދު އިތުރަށް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސީދާ އަދަދު ކޮމިޝަނަށް ކަށަވަރު ނުވާ ކަމަށެވެ. އެހެންކަމުން، މިފަހަރު ވަކި މިންގަނޑެއް ކަނޑައަޅައި، އެ މިންގަނޑަށް ފެތޭގޮތަށް ރަޖިސްޓްރީވާން މުއްދަތެއް ދިން ނަމަވެސް، އެކަން ކަށަވަރުވާ ވަރަށް މައުލޫމާތު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ލޯކަލް ކައުންސިލް އިންތިޚާބު ފަދަ އިންތިޚާބުތަކުގައި މަދު ބަޔަކު ވޯޓުލާއިރު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ވޯޓުގެ ސައްހަކަން ގެއްލުމުގެ ބިރު އޮންނަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިސާލެއްގެ ގޮތުން އަވަށްޓެރި ސްރީލަންކާގެ ތަފާސްހިސާބުތަކަށް ބައްލަވަމުން ޒާހިދު ވިދާޅުވީ، އެ ގައުމުގައި 1000 އެއްހާ ދިވެހިން ދިރިއުޅޭ ކަމަށް އީސީއަށް ލަފާކުރެވުނު ނަމަވެސް، ވޯޓުލާން ރަޖިސްޓްރީވީ 500 މީހުންވެސް ހަމަނުވާ ކަމަށެވެ.

މީގެ އިތުރުން، ގައުމީ ފެންވަރުގައި ނަގާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފަރެންޑަމް ފަދަ މުހިންމު ކަންކަމުގައި ވެސް ރަޖިސްޓްރީވުމަށް އިތުރު ފުރުސަތުތަކެއް ދެވުނު ކަމަށާއި، ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ރަޖިސްޓްރީވި މީހުންގެ އަދަދު އަދިވެސް ހުރީ ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ދަށުގައި ކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ.

އީސީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހަމަޖެއްސުމަށް ކަމަށާއި، ނަމަވެސް އެކަންކަން ކުރަންޖެހެނީ ގާނޫނީ އިމުގެ ތެރެއިންނާއި އޭގެ ނަތީޖާއަށް ބަލައިގެން ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު