މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔަ ނަމަވެސް، ރާއްޖޭގެ ހާލަތު ގޯސްވިޔަ ނުދީ ހިފަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ތެލުގެ އަގަށް ބަދަލުތަކެއް އައި ނަމަވެސް ރާއްޖޭގެ ހާލަތު ގޯސްނުވާނެ ކަމަށެވެ. އަދި ރާއްޖެއަށް ތެޔޮ ލިބުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ތެލުގެ އަގަށް ބަދަލު ގެންނަނީ ކަންކަން ވަރަށް ބޮޑަށް ދިރާސާކޮށް އެނަލައިޒް ކުރުމަށް ފަހުގައެވެ. އަދި ތެޔޮ އެތެރެކުރުމުގެ ގާބިލްކަން މިހާރު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރު ފެށުނުއިރު އެސްޓީއޯއިން ގަނެފައިވާ 24،500 މެޓްރިކް ޓަނުގެ އާ ބޯޓުގެ ސަބަބުން ތެޔޮ ޓްރާންސިޓްކޮށް ލިބުމުގައި ބޮޑު ފަސޭހައެއް ލިބެމުންދާ ކަމަށެވެ.

"ދެން އަޅުގަނޑުމެން ވަރަށް ނަސީބު ރަނގަޅަށް މިފަހަރު ދިމާވީ. މިއަހަރު ފެށުނުއިރު އެސްޓީއޯއިން 24،500 މެޓްރިކް ޓަނުގެ އާ ބޯޓެއް އޮތީ ގަނެފަ. އެއާއެކު އަޅުގަނޑުމެންނަށް ބޭނުންވާ ތެޔޮ އަބަދުވެސް ޓްރާންސިޓްކޮށް އެބަ ލިބޭ." ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، 22،000 މެޓްރިކް ޓަނުގެ ތެޔޮ ހިފައިގެން އެސްޓީއޯގެ ބޯޓެއް ކުރިއަށް އޮތް 5 ދުވަސްތެރޭ ރާއްޖެ އަންނާނެ ކަމަށާއި، މިރޭގެ ވަގުތެއްގައި ތެޔޮ ބަރުކޮށްގެން އިތުރު ބޯޓެއް ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ތެލުގެ އަގު އުފުލުމުގެ ބުރަ ކުޑަކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ސަރުކާރުންދޭ ސަބްސިޑީގެ އިތުރުން އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާގެ ބައެއް ބޭނުންކޮށްގެން (ކްރޮސް ސަބްސިޑައިޒްކޮށްގެން) ތެލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ، އެސްޓީއޯގެ މާލީ ހާލަތު ތަންދޭ މިންވަރަކުން، ރައްޔިތުންނަށް ލުއި ދިނުމަށްޓަކައި އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސަރުކާރުން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު