ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން، ދެވަނަ ޓަވަރުގެ ލިފްޓުތަކަށް މައްސަލަޖެހި، އެތައް ދުވަހެއް ވެފައިވާތީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މިކަމުގެ ޝަކުވާ އުފުލަމުންދާ ބައެއް އާންމުން ބުނާގޮތުގައި، ޓަވަރު ދޭއްގެ ލިފްޓްތަކަށް މައްސަލަ ޖެހިފައިވާތާ މިހާރު އެތައް ދުވަހެއް ވަނީ ވެފައެވެ. ފޭސްބުކްގައި މިކަން ހިއްސާކުރި މީހަކު ބުނި ގޮތުގައި، ގްރައުންޑް ފްލޯގައި ހުރެގެން އެއްވެސް ލިފްޓެއް ނުހުޅުވެއެވެ. ލިފްޓެއް ބޭނުންކުރެވެނީ ހަމައެކަނި މަތީ ފްލޯއަކުން މީހަކު ތިރިއަށް ފޭބުމުން، އެ ލިފްޓެއް ހުޅުވޭ ވަގުތުގައެވެ.

މި މައްސަލައިގެ ސީރިއަސްކަން ހާމަކޮށް، އަޒްމީން ނަމަކަށް ކިޔާ މީހަކު ވަނީ ފޭސްބުކްގައި ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޓަވަރުގެ ތިން ލިފްޓުންވެސް ފްލޯ ނަންބަރުތައް ބަދަލުވަމުންދާތަން ފެނުނު ނަމަވެސް، ތިރީގައި އިންތިޒާރުކޮށްގެން ތިބޭ މީހުންނަށް ލިފްޓު މަޑެއް ނުކުރެއެވެ. އަދި ގިނަ ވަގުތު އިންތިޒާރު ކުރުމަށްފަހު ލިފްޓު ނައުމުން މީހުން އެނބުރިދާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

ހަމައެއާއެކު އަޒްމީން ބުނެފައިވަނީ، މި މައްސަލަ އެތައް ބަޔަކު ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނެތް ކަމަށެވެ. އަދި ލިފްޓް އޮޕަރޭޓަރުންނަށް މިކަން އެންގުމުން، އެމީހުންގެ ފަރާތުން އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.



ހިޔާ ޓަވަރުތަކުގައި ދިމާވާ ލިފްޓުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން ވަނީ އިތުރު ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއެއް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން ހަތަރު ޓަވަރެއްގައި އައު ލިފްޓުތައް ހަރުކޮށް ނިމި، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.

އެޗްޑީސީއާ ހަވާލާދީ މީގެ ކުރިން މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޅި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް އޭރު ވަނީ ނިމިފައެވެ. ނަމަވެސް، މިހާރު ހުރި ލިފްޓުތަކަށް ދިމާވާ މިފަދަ މައްސަލަތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު