ހިޔާ ޓަވަރު
ހިޔާ ޓަވަރު
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއު އެއްކޮށް ނިންމާލައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި މީގެކުރިން ހުރީ ކޮންމެ ޓަވަރެއްގައި ތިނެއް ނުވަތަ ހަތަރު ލިފްޓެވެ. ބައިލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭ މި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން، އަރައި ފޭބުމުގައި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހި، އެކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑުވެފައެވެ.

ހިޔާ ސަރަހައްދުގެ ރައްޔިތުންގެ މި ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމުމަކަށް އައިސްފައެވެ.

އަލަށް ހަރުކުރި ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭ، ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. މީގެއިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތައް ވެސް މި ލިފްޓުތަކުގައި ވަނީ ގާއިމުކޮށްފައެވެ.

މި މަޝްރޫއު ނިމި އާންމުންނަށް ހުޅުވާލުމަކީ، ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވޭތުވެދިޔަ ދުވަސްތަކުގައި އުފުލަމުންދިޔަ ތަކުލީފުތަކަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއް ލިބޭނެ ކަމެކެވެ.

މި މަޝްރޫއުގެ ދަށުން ހަރުކުރި އައު ލިފްޓްތައް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގައެވެ. މިއާއެކު ހިޔާ ޓަވަރުތަކުގެ ލިފްޓުތަކަށް ބާރުބޮޑުވެ، އާންމުން ކިއޫގައި ތިބެންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު