މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، ވިޔަފާރި ކުންފުންޏެއްގެ ބޭންކު އެކައުންޓަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު މީހަކު ކުށަށް އިއުތިރާފުވެއްޖެއެވެ.

މި މައްސަލައަކީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279,600ރ. ފޭރުނު މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ 10 މީހަކު ހައްޔަރުކޮށްފަ

އިވާއިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހދ. ވައިކަރަދޫ، ޕެރިމްރޯޒް، އަބްދުﷲ ނާފިޒް ވަނީ ކުށަށް އިއުތިރާފުވެފައެވެ. ނާފިޒް ކޯޓުގައި ބުނީ އޭނާ އެ ކުށް ކުރި ކަމަށް އެއްބަސްވާ ކަމަށާއި، ސްކޭމްކޮށްގެން ނެގި ފައިސާ އަނބުރާ ދައްކަން ބޭނުންވާ ކަމަށެވެ.

ނާފިޒްގެ އިތުރުން މި މައްސަލައިގައި ދެން އިއްޔެ ކޯޓަށް ހާޒިރުކުރީ ގދ. ފިޔޯރީ، ހީނާމާގޭ އަލީ އިމްރާން އާއި، މ. މާލޭގެއާގޭ މުހައްމަދު ނުހާދު އަލީގެ އިތުރުން ގދ. ތިނަދޫ، ގުލްބަކާގެ އަބްދުﷲ އިސްރާގެވެ. ނަމަވެސް، މި ތިން މީހުން ކުށަށް އިއުތިރާފުވެފައެއް ނުވެއެވެ. ކޯޓުން ވަނީ މި ހަތަރު މީހުންގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.

މި މައްސަލައިގައި މީގެކުރިން ހައްޔަރުކުރި ގއ. ކަނޑުހުޅުދޫ، ފޫހިވާގޭ މުހައްމަދު އަލީ ވެސް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ކުންފުނީގެ އެކައުންޓުން ފޭރުނު ފައިސާގެ ތެރެއިން 25,242.80ރ. އޭނާގެ އެކައުންޓަށް ވަދެފައިވެއެވެ.

މި ބޮޑު ސްކޭމްގެ މައްސަލައިގައި ފުލުހުން މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުންނެވެ. އެގޮތުން ހިންމަފުށިން އެކަކު، އައްޑޫ ސިޓީން ތިން މީހަކު އަދި މާލެއިން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް މީހުން ވެސް ހިމެނެއެވެ.

ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން ނެގި މީހުންނެވެ. އަދި އެކަކު އެ ފައިސާ ބޭނުންކޮށްގެން އެކި ވިޔަފާރިތަކުން މުދާ ގަނެފައިވާއިރު، ބާކީ ތިބި ތިން މީހުންނަކީ އެކި މީހުން އޭޓީއެމްތަކަށް ގެންގޮސްގެން ފައިސާ ނަގައި، އެ ފައިސާއާ ހަވާލުވި މީހުންނެވެ. މި މައްސަލައިގައި ހައްޔަރުކުރި ހުރިހާ އެންމެން ވެސް މިހާރު ތިބީ ބަންދުގައެވެ.



ކިޔުންތެރިންގެ ހިޔާލު