ބައިރޫތުގެ އައްސޭރިފަށުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އަމާޒުކޮށް އިސްރާއީލުން 'ޑަބަލް-ޓެޕް' ހަމަލާއެއް ދީފިއެވެ.

ބައިރޫތުގެ ރަމްލެޓް އަލް-ބައިދާ ސަރަހައްދުގައި ތިބި މީހުން މައުލޫމާތު ދޭގޮތުގައި، އެމީހުން ފޭލިގެތަކުގައި ނިދާފައި ތިއްބާ ކުއްލިއަކަށް ހޭލެވުނީ އިސްރާއީލުގެ ހަނގުރާމަމަތީ ޖެޓްތަކުގެ ގަދަ އަޑަށެވެ. ފުރަތަމަ ހަމަލާ އެ ސަރަހައްދަށް އެރުމާއެކު، ބިރުން ފޭލިގެތަކުން ބޭރަށް ބޯދިއްކޮށްލި ވަގުތަކީ ދެވަނަ ހަމަލާ އަމާޒުވި ވަގުތެވެ.

މިއީ ކުރު މުއްދަތެއްގެ ތެރޭގައި އެއް ތަނަކަށް ދެ ފަހަރަށް ހަމަލާދޭ 'ޑަބަލް-ޓެޕް' އުސޫލުން ދީފައިވާ ހަމަލާއެކެވެ.

ބެލެވޭ ގޮތުގައި މިއީ ވަކި ބަޔަކު މަރާލުމަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެކެވެ. ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ބައިރޫތުގެ އެކި ސަރަހައްދުތަކަށް މިފަދަ އެތައް ހަމަލާތަކެއް ވަނީ ދީފައެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، މި ހަމަލާތައް ދީފައިވަނީ އާންމުކޮށް ހަމަލާދޭ ސަރަހައްދުތަކުން ބޭރުން، އަދި އިސްރާއީލުން ހުސްކުރުމަށް އަންގާފައިވާ ސަރަހައްދުތަކުގެ ވެސް ބޭރުން ކަމެވެ. އިސްރާއީލުގެ މި ހަމަލާތައް ބައިރޫތުގެ މެދުތެރެއަށާއި ވެރިރަށުގެ އެކި ސަރަހައްދުތަކަށް ވަނީ އަމާޒުވެފައެވެ.

މި ހަމަލާތަކަކީ ސީދާ އަމާޒަށް ފޮނުވާލެވޭ 'ޕްރެސިޝަން' ހަމަލާތަކެއް ކަމަށް އިސްރާއީލުން ބުނި ނަމަވެސް، ރޭގެ ހަމަލާގައި އެކަނިވެސް 8 މީހުން ޝަހީދުވެ 31 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން، އިއްޔެ ރޭ އާންމުން ދިރިއުޅޭ އެޕާޓްމަންޓް ބްލޮކަކަށް ދިން ހަމަލާގައި އެ އިމާރާތުގެ މުޅި ފްލޯއެއް ވަނީ ސުންނާފަތިވެފައެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވި ޕެރަމެޑިކުން ބުނި ގޮތުގައި، ކުޑަކުދިންނާއި 90 އަހަރުން މަތީގެ ދުވަސްވީ މީހުން އެ ނުރައްކާތެރި ހާލަތުން ސަލާމަތްކުރުމަށް ސިޑިން ތިރިއަށް ބާލަން ޖެހުނީ ބިރުވެރި މާހައުލެއްގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު