ބަލި މީހުންގެ ނަމުގައި އެހީއަށް އެދި ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން އެކި ވެބްސައިޓުތަކުން ބަލި މީހުންގެ ފޮޓޯ ނަގައިގެން ބޭނުންކޮށް، އާންމުންގެ އިހުސާސްތަކާ ކުޅެން މަސައްކަތް ކުރެއެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބޮޑެތި ބަލިތައް ޖެހިފައިވާ ކަމަށް ބުނެ، އާންމުންގެ ހަމްދަރުދީ ހޯދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، ސްކޭމަރުން ބޭނުންކުރާ އެއް އުކުޅަކީ ފޯން ކޯލްތައް ބްލޮކް ކުރުމެވެ. ޕޯސްޓުގައިވާ ނަމްބަރަށް ގުޅުމުން ފޯނު ނުނެގި ނަމަވެސް، މެސެޖު ކުރުމުން އެ ފަރާތްތަކުން ޖަވާބުދޭ ކަމަށް ފުލުހުން ފާހަގަކުރެއެވެ.

އެހެންކަމުން، މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، އެހީގެ ގޮތުގައި ފައިސާ ފޮނުވުމުގެ ކުރިން އެއީ ސައްހަ މައުލޫމާތެއްކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން ފައިސާ ފޮނުވުމުގެ ކުރިން އެ ފަރާތްތަކަށް ގުޅައި ވާހަކަ ދެއްކުމަށާއި، ސޯޝަލް މީޑިއާގައި ބޭނުންކޮށްފައިވާ ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ކަށަވަރު ކުރުމަށް 'ގޫގުލް ރިވާސް އިމޭޖް ސާޗް' ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ރިސާޗް ކުރުމަށް ފުލުހުން އިރުޝާދު ދެއެވެ.

މި ދުވަސްވަރަކީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، ކޮންމެ ފަރާތަކުން ވެސް ފައިސާގެ މުއާމަލާތްތައް ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ބާރުއަޅައެވެ.



ކިޔުންތެރިންގެ ހިޔާލު