މި ހިނގާ މާރޗް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެކަނިވެސް ސްކޭމްގެ 55 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ ތެރޭގައި ހިންގި މި ސްކޭމްތަކުގައި ޖުމްލަ 494،712 (ހަތަރުލައްކަ ނުވަދިހަ ހަތަރުހާސް ހަތްސަތޭކަ ބާރަ) ރުފިޔާގެ ގެއްލުން އާންމުންނަށް ވެފައިވެއެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 270,070 (ދެލައްކަ ހަތްދިހަހާސް ހަތްދިހަ) ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ސްކޭމްތައް ހިންގާފައިވާ ގޮތްތަކަށް ބަލާއިރު، އޮންލައިން މެސެޖިން މަންސަތަކާއި، އައިބޭ، ފޯން ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތައް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. އެގޮތުން އެ ބާވަތުގެ 27 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، ދަންނަ މީހެއްގެ ފަރާތުން ކަމަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 14 މައްސަލައަކާއި، ފައިސާ މާރުކުރުމުގެ ތެރޭގައި ހިންގި 7 މައްސަލައެއްވެސް މި މުއްދަތުގައި ރިޕޯޓްކޮށްފައިވެއެވެ.

މިފަދަ ލަނޑުތަކުން ސަލާމަތްވުމަށްޓަކައި، އެއްވެސް ފަރާތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުމުގެ ކުރިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އެ ތަނެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަމިއްލަ ފަރުދުންގެ ބޭންކް އެކައުންޓްތަކަށް ފައިސާ ނުފޮނުވުމަށާއި، ކާކުކަން ނޭނގޭ ފަރާތްތަކުން ފޮނުވާ ލިންކްތަކަށް ނުފިތުމަށްވެސް ފުލުހުން އާންމުންނަށް އިރުޝާދު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު