މާލޭގައި ހުންނަ ދުވަސްވީ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ތަޅާލައި، އެ ބިމުގައި އާ މިސްކިތެއް އެޅުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އެ މިސްކިތަކީ ތާރީޚީ ތަރިކައެއްގެ ގޮތުގައި ހިމާޔަތްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވާ ހުސައިން ފުރުޝާނެވެ.

އިއްޔެ ސޮއިކުރުމަށް ހުޅުވާލި މި ޕެޓިޝަނުގައި ބުނެފައިވަނީ، 100 އެއްހާ އަހަރުވީ މި މިސްކިތަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔުމާއި، އަދި އެ އަޅުވެތިކަމުން މިނިވަންވުމާ ގުޅުންހުރި މުހިންމު ބިނާއެއް ކަމަށެވެ. އަދި މިނިވަންކަމާ ގުޅުންހުރި ގިނަ ބިނާތަކެއް ނައްތާލެވިފައިވާއިރު، ބަންޑާރަ މިސްކިތަކީ އެ ތާރީޚުގެ ހަނދާނަކަށް ފެންނަން އޮތް ހަމައެކަނި ބިނާކަމަށް ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް މި އަހަރުގެ ރޯދަމަހަށް ފަހު ފަށާނެކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާނު ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި މިސްކިތް އެޅުމަށް ބޭނުންވާ ޚަރަދު ދީލަތި ފަރާތަކުން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

މި ޚަބަރާއެކު ތާރީޚު ދިރާސާކުރާ ފަރާތްތަކާއި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އަމާޒުވެފައެވެ. ނަމަވެސް، މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ޝަހީމް ފުރަތަމަ ވިދާޅުވީ، އެ މިސްކިތަކީ ތާރީޚީ ތަނެއްގެ ގޮތުގައި ބަލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެތަނަކީ އެކި ދުވަސްވަރު އެކި ސަރުކާރުތަކުން ބޮޑެތި ބަދަލުތައް ގެނެސްފައިވާ ތަނެއް ކަމަށާއި، މިހާރު އެތަން ހުރީ ބުމްބާ ވިޔަފާރިވެރިން އެޅި އަސްލު ގޮތަށް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އާންމުންގެ ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން އޭގެ ފަހުން މިނިސްޓަރ ޝަހީމް ވަނީ ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް އަޅަން ނިންމީ، ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ލިސްޓުގައި އެ ތަން ހިމެނިފައި ނެތުމުން ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމިކް މިނިސްޓްރީން ކަންކަން ކުރާނީ އަބަދުވެސް ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި، އެތަނުގައި އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގެ ބަހުސް ހޫނުވެފައިވަނިކޮށް މަޖިލީހަށް ހުށަހަޅާފައިވާ މި ޕެޓިޝަންގައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ސޮއިކުރެވޭނެއެވެ. އަދި މި ޕެޓިޝަނަށް ސޮއި ހަމަކުރުމަށް 42 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި ޕެޓިޝަނަށް ސޮއި ލިބޭ މިންވަރަކަށް ބަލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް މަޖިލީހުން އަޅާނެއެވެ.



ކިޔުންތެރިންގެ ހިޔާލު