ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރާތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި، ގަތަރު ރޭޑިއޯގައި މަސައްކަތްކުރަމުން ދިޔަ ނޫސްވެރިޔާ އަމަލް ޝަމާލީ ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ނޫސްވެރިންގެ ސިންޑިކޭޓް (ޕީ.ޖޭ.އެސް) އިން ހާމަކުރި ގޮތުގައި، ގަތަރު ރޭޑިއޯގެ ކޮރެސްޕޮންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރި އަމަލް ޝަމާލީ ޝަހީދުވީ ނުސީރާތު ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާއެއްގައެވެ. ހޯމަ ދުވަހު ޝަހީދުވި ޝަމާލީއަކީ އަރަބި އަދި ފަލަސްތީނުގެ އެކި މީޑިއާތަކުގައި މަސައްކަތްކޮށްފައިވާ ހީވާގި ނޫސްވެރިއެކެވެ. ޕީ.ޖޭ.އެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ހަނގުރާމައިގެ ނުރައްކާތެރި ހާލަތުގައިވެސް، އޭނާ ދިޔައީ ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ދެމިހުރެ، ހަގީގަތް ހާމަކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

2023 އޮކްޓޯބަރު 7 ގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް 270 އަށްވުރެ ގިނަ ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިން ވަނީ ޝަހީދުކޮށްލާފައެވެ.

ޕީ.ޖޭ.އެސް އިން އިތުރަށް ބުނެފައިވަނީ، މިއީ ޒަމާނީ ތާރީޚެއްގައި ނޫސްވެރިންނަށް ކުރިމަތިވި އެންމެ ލޭއޮހޮރުވުން ބޮޑު ދުވަސްވަރު ކަމަށެވެ. މިއީ ފަލަސްތީނުގެ ނޫސްވެރިކަން ހުއްޓުވައި، ހަގީގަތުގެ އަޑު ކަނޑުވާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ދުނިޔެއަށް ސިއްރުކުރުމަށް އިސްރާއީލުން ގަސްތުގައި ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ނަމަވެސް، ނޫސްވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކުން ފަލަސްތީނުގެ ނޫސްވެރިންގެ އަޒުމް ގުޑުވާލައި، ހަގީގަތް ހާމަކުރުމަށާއި އިންސާނީ ވާޖިބު އަދާކުރުމަށް ކުރާ މަސައްކަތް ހުއްޓުވައި ނުލެވޭނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ޝަމާލީ ޝަހީދުކޮށްލުމާ ގުޅިގެން، އިސްރާއީލުން ނޫސްވެރިންނަށް އަމާޒުކޮށް ސިލްސިލާކޮށް ހިންގާ މި ގަތުލުއާންމު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި، ބުނެފައިވަނީ މި ލާއިންސާނީ ޖަރީމާތަކުގެ ފުރިހަމަ ޒިންމާ އިސްރާއީލުގެ އިތުރުން، އެމެރިކާ ސަރުކާރާއި، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތް ފަދަ އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ މިއަމަލުތަކުގައި ބައިވެރިވާ ގައުމުތަކުން އުފުލަންޖެހޭނެއެވެ.

މީގެއިތުރުން، ބައިނަލްއަގުވާމީ މީޑިއާ ޖަމިއްޔާތަކަށާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިދާރާތަކަށް އެބަޔާނުގައި ގޮވާލާފައިވަނީ، ފަލަސްތީނުގެ ނޫސްވެރިންނާ ދެކޮޅަށް ހިންގާ މި ޖަރީމާތައް ކުށްވެރިކޮށް، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމަށެވެ.

ނޫސްވެރިންގެ ރައްކާތެރިކަން މޮނިޓަރ ކުރާ 'ޝީރީން.ޕީއެސް' ވެބްސައިޓުން ހާމަކުރާ ގޮތުގައި، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި ކޮންމެ މަހަކު އެވްރެޖްކޮށް 13 ނޫސްވެރިން ޝަހީދުވެއެވެ. މި ވެބްސައިޓަށް ނަން ދެވިފައިވަނީ 2022 ވަނަ އަހަރު ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ ނަމާ ގުޅުވައިގެންނެވެ.

ޝަހީދުވި ނޫސްވެރިންގެ ތެރޭގައި އަލްޖަޒީރާގައި މަސައްކަތްކުރި 10 އަށްވުރެ ގިނަ ނޫސްވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ އުތުރުގެ ހާލަތު ދުނިޔެއަށް ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަނަސް އަލް-ޝަރީފް ފާހަގަކޮށްލެވެއެވެ.

ބްރައުން ޔުނިވާސިޓީގެ 'ކޯސްޓްސް އޮފް ވޯ' ޕްރޮޖެކްޓުން ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 އޮކްޓޯބަރު 7 ގެ ފަހުން ޣައްޒާގައި ޝަހީދުވި ނޫސްވެރިންގެ އަދަދު، އެމެރިކާގެ ދާޚިލީ ހަނގުރާމަ، ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމަ، ކޮރެއާ ހަނގުރާމަ، ވިއެޓްނާމް ހަނގުރާމަ، އަދި އަފްޣާނިސްތާނު ހަނގުރާމައިގައި މަރުވި ނޫސްވެރިންގެ ޖުމްލަ އަދަދަށްވުރެވެސް އިތުރެވެ.

އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައި.އެފް.ޖޭ) އިން މި އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، 2025 ވަނަ އަހަރު ނޫސްވެރިކަން ކުރުމަށް ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ތަނަކީ ފަލަސްތީނު ކަމަށެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި މެދުއިރުމައްޗަކީ މީޑިއާގެ މަސައްކަތްތެރިންނަށް އެންމެ ނުރައްކާ ސަރަހައްދެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރާ ގޮތުގައި، އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަން ފެށި "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމުގެ ފަހުންވެސް 640 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 1,700 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. 2023 އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޖުމްލަ 72,123 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 171,805 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު